ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުކޮށްފައިތިބޭ މީހުން ބުއިމަށާއި، ސާފުތާހިރުވުމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެނަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުކޮށްފައިތިބޭ މީހުން ބުއިމަށާއި، ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދަނީ ނަޖިސް ފެންކަމުން އެކަން ރަނގަޅުކުރުމަށް އެންގި މުއްދަތު ފާއިތުވިނަމަވެސް ރަނގަޅުކޮށްފައިނުވާތީ ފުލުހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ދީފައި ވަނިކޮށެވެ.
އިއްޔެ އެޗްއާރުސީއެމް އިން ނެރުނު ބަޔާނަށް 24 ގަޑިއިރު ފަހުން ހަވާލާދީ ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، ދޫނިދޫގައި ސާފުފެން ފޯރުކޮށްދިނުމަށްޓަކައި އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން ފެން ފޯރުކޮށްދެމުން އަންނަކަމަށެވެ. މިގޮތުން
ފޯރުކޮށްދެވޭ ފެނަކީ ދޫނިދޫގައި ބަންދުކުރެވޭ ގައިދީންނާއި އަދި އެތަނުގައި ޑިއުޓީ ކުރާ ފުލުހުންނާއި އެހެންވެސް ބޭނުންތަކުގައި ދޫނިދޫއަށް އައިސް ގޮސްވާ ހުރިހާ އެންމެންވެސް ބޭނުންކުރާ ފެނެއްކަކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
އެޗް.އާރް.ސީ.އެމް އިން ދޫނިދޫއަށް ކުރި ޒިޔާރަތުގައި ފެން ޓެސްޓްކުރިއިރު ބައެއް ގޮޅިތަކުން ނެގުނު ފެނުގައި ކޮލިފޯމް ހުރިކަމަށް ފާހަގަކޮށް، 72 ގަޑިއިރުގެ މުހުލަތެއް އޮކްޓޫބަރ 27 ވަނަ ދުވަހު ފުލުހުންނަށް ސިޓީއަކުން އެންގުމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އެގޮތުން އެތަނުގެ ބައެއް ފެންހޮޅިތައް ބަދަލުކުރުމާއި ފެން ސާފުކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރިއަށް ގެންދާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި، އެއްވެސް އެސެޓެއް ގަތުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަހޯދަންޖެހޭތީ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދަނިކޮށް، މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅާފައި ނުވާކަމަށް ބަޔާންކޮށް އެޗް.އާރް.ސީ.އެމް.އިން ނޫސްބަޔާނެއް ނެރެފައިވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށްކަމަށް މި ސަރވިސްއިން ދެކެމެވެ. ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީގޮތުން ހަމަޖައްސާފައިވާކަން މިފުރުސަތުގައި ފާހަގަކުރަމެވެ.
-ފުލުހުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
އެޗްއާރުސީއެމް އިން އެދުނުކަންކަން ރަނގަޅުކުރަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، އެޗްއާރުސީއެމް އިން އިއްޔެ ބުނެފައިވަނީ، އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި، އެ ކަސްޓޯޑިއަލުގައި ބަންދުކުރެވިފައިވާ މީހުން ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަޙްލީލުކުރުމުން، ކަސްޓޯޑިއަލުގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް (ބެކްޓީރިއާ)" ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ ފެނަކީ ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއްކަމާއި، އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއްނޫންކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.
ދޫނިދޫގައި ބޭނުންކުރުމަށް ހުރީ ނަޖިސްފެން، ފުލުހުންނަށް ފިޔަވަޅު އަޅަން ނިންމައިފި
އެފެން ބޭނުންކުރުމުން ހަމުގެބަލިފަދަ ބަލިތައްޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކަމާގުޅޭ މާހިރުން ދެއްވާފައިވާ ފަންނީ ލަފާއިން އެކޮމިޝަނުގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ، ޤާނޫނުއަސާސީންނާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުންނާއި، ދިވެހިރާއްޖޭން ތަސްދީގުކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ ސާފު ބޯފެން ލިބުމުގެ ޙައްޤާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދެވޭކަން ކަށަވަރުކުރުމުގެގޮތުން، ކ.ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ މީހުންނަށާއި، ދޫނިދޫގައި އެފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ފެން ފޯރުކޮށްދިނުން ހުއްޓާލާން އެޗްއާރުސީއެމް އިން ވަނީ އަންގާފައެވެ.
އަދި ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ތަފްސީލް 72 ގަޑިއިރުގެ ތެރޭގައި އެޗްއާރުސީއެމް އާއި، ލިޔުމުން ހިއްސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާ، އަދި އެއެންގުމާ އެއްގޮތަށް އުމަލުނުކޮށްފިނަމަ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް އެއިދާރާއަށް އަންގާފައިވާނެކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް، މިއަދު އެޗްއާރުސީއެމް އިން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް ބެލިބެލުމުން އެތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށާއި، ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ ފަރާތްތަކަށާއި ދޫނިދޫގައި މިފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމާފައިވާކަމަށް އެކޮމިޝަނުން މިއަދު އާންމުކުރި ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ