އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް އިތުރު މުވައްޒަފުން ބޭނުންވާކަމަށް އެންޓި ކޮރަޝަން ކޮމިޝަން (އޭސީސީ)ން ބުނެފައިވާތީ އެ މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިދިނުމަށް ބަޖެޓް ކޮމިޓީން ނިންމައިފިއެވެ.
އޭސީސީގެ ބަޖެޓްގައި ފައިސާ ހިމަނައިދިނުމަށް ބަޖެޓް ކޮމިޓީން ނިންމާފައިމިވަނީ، އޭސީސީގެ މުވައްޒަފުންގެ ދަތިކަމުން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއް ނިންމުމަށް އެވްރެޖުކޮށް 8 މަސް ދުވަސް ހޭދަވާކަމަށް އޭސީސީގެ ރައީސް ވިދާޅުވުމާއި ގުޅިގެންނެވެ. އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ކޮމިޓީގައި ވިދާޅުވެފައިވަނީ، އެ ކަންކަމަށް ބަޖެޓްގައި ރިޔާއަތްކޮށްފައިނުވާކަމަށެވެ.
އޭސީސީން މިހެން ބުނެފައިވާތީ، ކޮމިޓީގެމެންބަރަކު ވަނީ އެ ޢަދަދަށް ފައިސާ ބަޖެޓްގައި ހިމަނައިފިނަމަ އަންނަ އަހަރު އެމްއެމްޕީއާރުސީގެ މައްސަލަ ނިމޭނެތޯ ސުވާލުކުރައްވާފައެވެ. އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ އޭސީސީގެ އިތުރުން ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްކަމުން ނިމޭނެ ތާރީޚެއް ދަންނަވަން ނޭނގޭކަމަށެވެ. ނަމަވެސް އިތުރު މުވައްޒަފުން ނުވަތަ އިންވެސްޓިގޭޓަރުން ލިބިއްޖެނަމަ މައްސަލަ ނިންމުމަށް އިތުރު ބާރަކަށް ވާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީގެ ބަޖެޓަށް ފައިސާ އިތުރުކޮށްދީފައިވަނީ 3.9 މިލިއަން ރުފިޔާއެވެ.
އޭސީސީގެ ބަޖެޓަށް ފައިސާ އިތުރުކޮށްދީފައިވާއިރު، ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއްގެ ގޮތުގައި ރޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު މިވަނީ ބަޖެޓްގެ ޖުމްލަ ޢަދަދަށާއި ޚަރަދަށް ނިސްބަތުން ކުޑަ އިތުރުވުމެއް އައިސްފައެވެ. މިގޮތުން ކޮމިޓިން ގެނައި ބަދަލަކީ ބަޖެޓްގެ ޚަރަދު 34 ބިލިއަން ރުފިޔާއިން 34.10އަށް އިތުރުކުރުމާއި، ބަޖެޓްގެ ޖުމްލަ ޢަދަދު 36.92އިން 36.99އަށް އިތުރުކުރުމެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.
ކޮމެންޓު ފޮނުވާ