މާލޭގެ މަގުމަތިން ސިފައިންގެ މީހަކު ހިފަހައްޓައި، ފައިސާ ހޯދުމަށް ރަހީނުކޮށް އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ. ނަމަވެސް ރަހީނުކުރި މީހުންނަށް ފައިސާ ލިބިފައިނުވާތީ، އޭނާއަށް އަނިޔާކުރުމަށްފަހު ވަނީ މިއަދު ހެނދުނު އައިޖީއެމްއެޗް ކައިރިއަށް ގެންގޮސް އޭނާ އެތަނަށް ވައްޓާލާފައެވެ.
ރަހީނުކޮށް އަނިޔާކޮށްފައިވަނީ، ސިފައިންގެ ކޯސްޓްގާޑުގައި މަސައްކަތްކުރާ ޢުމުރުން 37 އަހަރުގެ ޙަސަން ފަހީމްއަށެވެ. ފަހީމް ރަހީނުކޮށްފައިވަނީ މާފަންނު އޭސް ހާޑުވެޔަރ ކައިރީ ހަނި ގޯޅިއަކުން ހިނގާފައިދަނިކޮށެވެ. ފަހީމް ރަހީނުކުރުމަށްފަހު ފައިސާދޭން ދެމީހަކު ޑިމާންޑުކުރިއެވެ. ނަމަވެސް ފަހީމް އަތުގައި ފައިސާ ނެތުމުން ވަނީ ކޭޝް ކާޑާއި ޕިން ނަންބަރ ހޯދުމަށް މަސައްކަތްކޮށްފައެވެ.
ނަމަވެސް ފަހީމް އެ މަޢުލޫމާތު ނުދިނުމުން އޭނާއަށް އަނިޔާކޮށް ކަރުގައި ހިފާ ހޭނައްތާލާފައިވެއެވެ. ފަހީމް ރަހީނުކޮށްގެން ގެންގޮސްފައިވަނީ އެސަރަހައްދުގައި ހުރި ކޮޓަރިއަކަށްކަމަށްވެސް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.
ފަހީމަށް ދީފައިވާ އަނިޔާތަކުގެ ތެރޭގައި ސިނގިރެޓުން ގައިގައި ޖެއްސުމާއި، ތޫނު އެއްޗަކުން އަނިޔާ ދީފައިވާކަމަށްވެސް އާއިލާއިން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ.
ފަހީމަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުާދެމުންނެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ މި މައްސަލަ ފުލުހުން ތަހުގީގްކުރަމުންދާތީ އިތުރު މަޢުލޫމާތެއް ދެވެން ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ