ރާއްޖޭގައި މިއަދުވަނީ ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވިފަ: އެމްޑީޕީ

ރާއްޖޭގައި މިއަދުވަނީ ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވިފަ: އެމްޑީޕީ

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2021 12:48
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެން މިވީ 3 އަހަރުގެ ތެރޭގައި ޑިމޮކްރެސީއާއި ޤާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދެވި، ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށް ވެރިކަން ކުރާ މައި ޕާޓީން އެމްޑީޕީން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކޯލިޝަން ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހި ލޮބުވެތި ރައްޔިތުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުކުރައްވައި، އެމް.ޑީ.ޕީ.ގެ ވެރިކަމެއް ޤާއިމުކުރެއްވިތާ މިއަދަށް 3 އަހަރު ފުރޭހިނދު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ދަންނަވާކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ އޭރުގައި އޮތް ޚުދުމުޚުތާރު ވެރިކަން ބަލިކުރައްވައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުންކަން ވަނީ ފާހަގަކޮށްފައެވެ. އެފަދަ ކާމިޔާބެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ރައްޔިތުން ދެއްވި މައިގަނޑު ސަބަބަކީ މި ޕާރޓީންނާއި އެއިރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގަތް ވަޢުދުތަކާއި ގެންގުޅުއްވާ ތަޞައްވަރުގެ ސަބަބުންކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އަނިޔާވެރިކަމާއި ޚުދުމުހުތާރު ވެރިކަމުގެ ގޮތްތަކަކުން ރައްޔިތުން މިންޖުވުމަށް ނިންމެވި ނިންމެވުމެއްގެ ސަބަބުންކަމަށްވެސް ވަނީ ބުނެފައެވެ.

މި ސަރުކާރުގެ 3 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދެއްވާފައިވާކަން އުފަލާއެކު ފާހަގަކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް މަރުޙަބާ ދަންނަވަން. މި މުއްދަތުގެ ތެރޭގައި، ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ވަނީ ނިމުމަކަށް ގެންނަވާފަ. ޑިމޮކްރެސީއާއި ޤާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދެވި، ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވިފަ. ޖުޑިޝަރީ އިސްލާޙުކުރެއްވުމުގެ މަސައްކަތުގެ ތެރެއިން އައު ސްޕްރީމް ކޯޓެއް އައްޔަނުކުރައްވައި، ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާކަން ފާހަގަކުރަން.

– އެމްޑީޕީ ބަޔާނުގައި ވެއެވެ.

މީގެ އިތުން މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަޤާފަތް ބަދަލުކުރައްވައި، އެތަންތަން މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވާނެކަމަށާއި، ސިޔާސީ ޙަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަން މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ހަމައެފަދައިން ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް މި 3 އަހަރުގެ ތެރޭގައި ގެންނަވާފައިވާކަމަށެވެ.

އެމް.ޑީ.ޕީ.ގެ މި ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރަން. އަދި މި 3 އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންގޮސްފައިވާކަން ވެސް ފާހަގަކުރަން.

– އެމްޑީޕީ ބަޔާނުގައި ވެއެވެ.

ކޯވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދަވާކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް އެމްޑީޕީން ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ޙާޞިލުކުރައްވަމުން ގެންދަވާނޭކަމުގައި ޔަޤީންވެސް ވަނީ އަރުވާފައެވެ. އަދި ރައްޔިތުންގެ އުންމީދުތައް އަދިވެސް އޮތީ އެމްޑީޕީއާއި އެކުގައިކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.