ހުޅުމާލެ ފޭސް2 ގެ ހިޔާފުލެޓް ތަކުގެ މައްސަލައިގައި ރައްޔިތުންގެ މެދުގައި ވަނީ ޚިޔާލު ކަފިކަފި ވެފައެވެ. ބައެއް މީހުންގެ ނަޒަރުގައި އުޑާ ވާހަކަ ގޮވާ ހިސާބަށް ހިއްލާލައިފައިވާ އެޓަވަރު ތަކަކީ ބޯހިޔާ ވަހިކަމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެކެވެ. އަނެއް ބަޔަކު ދެކެނީ އެއީ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް ނުދޭނެ ދަތި އުނދަގޫ ކޮށިތަކެއް ކަމުގައެވެ.
މާލޭގައި ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ މީހުންނަށް ބަލާލާއިރު ތިމާމެންނަށް ލިބިފައިވާ ބިންކޮޅު ބަހަމުން ބަހަމުން ގޮސް މަދު އަކަފޫޓުކޮޅެއްގައި އާއިލާތައް ދިރިއުޅެންޖެހުމާއި ދަފުތަރުގައި ޖައްސާ އާބާދީ އަށް ބަރުބޮޑު ކޮށްފައިވާ ގިނަ ރައްޔިތުންނަކީ އުފުލާ ނުލެވޭވަރުގެ ބޮޑު ކުއްޔެއް ދަށްކަން ޖެހޭ ބަޔަކަށް ވުމުން ގައިމުވެސް މިކަމަކީ އެފަދަ މީހުން ބަލައިގަންނާނެ ކަމެކެވެ. ނަމަވެސް ދިރިއުޅެވޭ މިންވަރަށް ނުނިންމައި ކޮންމެ މަހަކުމެ ބޮޑު އަގެއް ދައްކަން ޖެހުމަކީ މިފުލެޓްތައް ލިބުނު ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ. ފުލެޓަށް ވަދެވެން އަންނަނީ އަތުން ބޮޑު ޚަރަދެއް ކޮށްގެން ކަމަށްވެފައި އަދި ޖާރީ ގޮތެއްގައި ކޮންމެ މަހަކު އަގުއަދާ ކުރުމަށް ދަށްކަންޖެހޭ ފައިސާގެ އަދަދަކީ ގިނަބަޔަކަށް ހިތައް ފިނިކަން ލިއްބައިދޭ ކަންކަމެއް ނޫނެވެ. މިފުލެޓުތައް އަޅިގޮތާ އެކަމަށް ދިޔަޚަރަދުގެ ދެކޮޅު ނުޖެހުމުގެ ވާހަކަ ނުދަށްކައި ބާއްވަމާ ހިންގަވާށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފުލެޓް މަޝްރޫޢެއް ފެށުނީ ރައީސް މައުމޫނުގެ ޒަޢާމަތުގައި މާލޭގައެވެ. އެއަށްފަހު ހުޅުމާލެ ހިއްކައި އެތަނުގައި ހަތަރު ބުރިޔަށްވުރެ އުސްނުކޮށް ފުލެޓުތައް އަޅައި އޭރާއި ގުޅޭ އަގެއްގައި ފުލެޓުތައް ދޫކުރެވުނެވެ. މިފުލެޓުތަކުގެ ހާލަތައް ބަލާލާއިރު އާދައިގެ އާއިލާ އަކަށް ހިންހަމަ ޖެހިލައިގެން އުޅެލެވޭ ވަރުގެ ޖާގަ އޮތުމާއި އެކު އަގުވެސް ހަމަ ރަނގަޅު ކަމުގައި ދަންނަވަން ޖެހެއެވެ. ނަމަވެސް ކޮންމެ މަހަކު މެއިންޓަނަންސްގެ ނަމުގައި ނަގާ އަދަދަކާއި އެއްވަރަށް ޚިދުމަތް ނުލިބުމުގެ ޝަކުވާ އަކީ ވެސް މިފުލެޓުތަކާއި ގުޅިގެން އިވެމުންދާ ޝަކުވާ ތަކެކެވެ. މަޑުމަޑުން ތޮށްޖެހެމުން ހުޅުމާލޭގެ އާބާދީ އިތުރުވާން ފެށުމުން ބައެއް މީހުން ސިފަކުރާ ގޮތުގައި މިފަދަ ފުލެޓުތައް ބަދަލުވެގެން ދިޔައީ ޖަލުގޮޅި ތަކަކަށެވެ. އެބަޔަކަށް ލިބިފައިވާ ފުލެޓަށް އެތެރެވުމާއެކު ދޮރުތައް ތަޅުލައި ބަންދުކޮށްގެން ތިބޭންޖެހެނީ އެތެރޭގައެވެ.
ތިރީބުރި ފިޔަވައި އެހެން ބުރިތަކަށް އެރުމަކީ ނުރައްކަލުން ފުރިފައިވާ ކަމެކެވެ. ސިޑިތަކުގެ މަތީގައި ރަސްކަން ކުރަމުންދަނީ މިޒަމާނުގެ ބަހުންނަމަ "ޕާޓޭ" ގުރޫޕުތަކެވެ. މައްޗާ ހަމަޔަށް ފޯރަމުންދަނީ ސިގަރޭޓްއާއި މަސްތުވާ ތަކެތީގެ ދުމެވެ. ޚާއްސަކޮށް އެކަނި އަންހެން ކުއްޖަކަށް ސިޑިންއެރުމަކީ އުނދަގޫ ކަމެކެވެ. އެސިޑިތަކުގެ ބެލެނިވެރީންގެ ފޮށުމާއި ދުއްތުރާ ބޮޑުކަމުންނެވެ. މިކަންކަމަކީ މިއަދާ ހަމަޔަށްވެސް ހައްލެއް ނުކުރެވުނު ކަންކަމެވެ. ނަމަވެސް ހުޅުމާލެއިން ލިބުނު ބިންތަކާއި ރޯހައުސް ތަކަކީ ރައްޔިތުންނަށް ލިބިގެން ގޮސްފައިވާ ބޮޑު ނިޢުމަތެއް ކަމުގައި އެތަންތަން ލިބިފައިވާ ފަރާތްތަކުން ދެކެއެވެ. ނަމަވެސް ފުލެޓުތަކުގެ ހާލަތު އޮތީ ހަމަ އެގޮތުގައެވެ.
ކަންމިހެން އޮށްވައި ހުޅުމާލެ ފޭސް2 ގައި ބިނާކުރެވިގެން އެދިޔައީ އުސްޓަވަރު ތަކެކެވެ. 25 ބުރީގެ ގިނަ އިމާރާތް ތަކެކެވެ. އޭރިގެ ސަރުކާރުގެ ވެރީން ދުށްގޮތުގައި ރާއްޖޭގެ އެންމެން އުޅޭންޖެހޭނީ މާލޭގެ ސަރަހައްދުގައެވެ. އެންމެނަށް އުޅެވޭވަރަށް ފުލެޓުއަޅައި ރާޢްޖޭގެ ރައްޔިތުން އެއްސަރަހައްދަކަށް އެއްކުރުމުގެ ވާހަކައަކީ އޭރުސަރުކާރުގެ އެންމެ އިސްވެރިޔާވެސް ތަކުރާރުކޮށް ރައްޔިތުންގެ ސިކުނޑީގައި އިންދާދެމުން ދިޔަ ވިސްނުމެކެވެ. އޭރުން ރާޢްޖޭގެ އެހެން ސަރަހައްދުތަކުގައި ސިއްހީ ޚިދުމަތް ގާއިމުކުރުމަށާ ތައުލީމީ ބިނާތައް ގާއިމުކުރާން ނުޖެހި ހަމައެހެންމެ ބަނދަރުތަކާއި ފެނާ ނަރުދަމާގެ ޚިދުމަތްވެސް މާލެނޫން ސަރަހައްދެއްގައި ގާއިމު ކުރާކަށް ނުޖެހޭނެކަން ވިސްނާލުމުން އެނގެއެވެ.
މުޅިރާޢްޖޭގެ ރައްޔިތުން ދިރިއުޅޭނީ ޒަމާންތަކެއް ވަންދެން އަމިއްލަ ޖީބުން ސަރުކާރަށް ކުލިދަށްކައިގެންތާއެވެ. ނަމަވެސް އާބާދީ އިތުރުވެ އޭގެ ސަބަބުން ކުރިމަތިވަމުން މިހާރުވެސް މިސަރަހައްދުގައި މިދާ އިޖުތިމާއީ މައްސަލަ ތަކާމެދު އެއްވެސް ސަމާލުކަމެއް ދެވުނު ނަމަކަ މިފަދަ ގޮތަކަށް ވިސްނާކަށް ނުޖެހުނީސްތާއެވެ.
25 ބުރީގެ ހިޔާ ފުލެޓުތަކުގައި މިހާރު ބައެއް ފަރާތްތަކުން ދިރިއުޅެން ފަށައިގެންފިއެވެ. ހަމައެއާ އެކު ތަފާތު އެކި މައްސަލަތައް ފާހަގަކުރެވެން ފެށީވެސް އެހާމެ ހަލުވި ކަމާއެކުގައެވެ. ފުރަތަމަ ކަމަކީ އެތަންތަނަށް ކުރާންޖެހޭ ބޮޑު ޚަރަދެވެ. ކޮންމެ މަހަކު ސަރުކާރަށް ދަށްކަންޖެހޭ ފައިސާގެ އަދަދެވެ. ދަތުރު ފަތުރުގެ އަގުބޮޑުވުމެވެ. އާންމު ޚިދުމަތްތަކަކީ މަޑުމަޑުން ނަމަވެސް ގާއިމުކުރެވޭނެ ކަންކަމެވެ. ނަމަވެސް އެއުސް އިމާރާތް ތަކަށް އަރާފޭބުމުގައި އެހެރަ ދަތިކަމުގެ ވާހަކައަކީ މިހާރުވެސް ބާރަށް އަޑުއިވެމުންދާ ވާހަކަ ތަކެކެވެ. ލިފްޓުގެ އަދަދު މަދުކަމާއެކު މިހާރުވެސް ވިއްސަކަށް މިނެޓް ވަންދެން ކިއުގަ ތިބެން ޖެހޭކަމުގެ ޝަކުވާ އިވެމުން އެބަދެއެވެ. އަދި މިފުލެޓްތަކުގައި އުޅޭ އާބާދީ ބޮޑުވަމުން ދާވަރަކަށް އިތުރު މައްސަލަތައް ހަމައެކަނި ވަދެނުކުމެ އުޅުމުގައިވެސް ނުކުންނާނެ ކަމީ ގައިމުވާ ކަމެކެވެ. ދެންއޮތީ މިހާގިނަ އަދަދެއްގެ މީހުން އެއްތަނެއްގައި އުޅެންޖެހުމުން ނުކުންނާނެ އެހެނިހެން މައްސަލަ ތަކެވެ. މިހާތަނަށް މިވީ ކުރުމުއްދަތުގައި އަލިފާނުގެ ހާދިސާތަކެއް މިވަނީ ކުރިމަތިވެފައެވެ.
ކޮންމެ ބެލްކަނީ އެއްގައި ފުލުހެއް ބަހައްޓައިގެން ބޮއެފަ އެއްލާ ސިގަރެޓުބުރީގެ މައްސަލަ ހައްލުކުރުމަކީ ކުރެވިދާނެ ކަމެއް ބާވައެވެ. ކޮންމެ ސިޑިއެއްގައި ފުލުހަކު ބެހެއްޓޭނެ ބާވައެވެ. ގައިމުވެސް އިމާރާތުގެ ބޭރުގައި ފޯރިމަރައިގެން ކުނިއެޅުމުގެ މައްސަލަ ހައްލު ކުރެވުނަސް ދެންނުކުންނަ އެހެން މައްސަލަތައް ހައްލުކުރުމަކީ މާކަފަސޭހަ ކަމަކަށް ނުވެދާނެއެވެ. މިފަދަ މައްސަލަ ތަކުގެ ތެރެއިން އެހެން މައްސަލަތައް ކުރިލައި ހެދިގެން އިތުރު އިޖުތިމާއީ އެތައް ބަލިމަޑުކަމެއް ފެތުރިގެންދާނެ ހަބެއްގެ ގޮތުގައި މިހިޔާ ފުލެޓުތައް މިހާރުވެސް ފާހަގަވާން ފަށާފައިވާކަމީ ހަގީގަތެކެވެ. ކުރިޔަށް އޮތްތާނގައި ސަރުކާރުން މިފަދަ އިޖުތިމާއީ މުސީބާތްތަކުގެ ބިންގާ ނޭޅުމަކީ މުހިންމު ކަމެކެވެ.
ރާއްޖޭގެ ރައްޔިތުންނަށް ކޮންމެ ހިސާބަކުން ވިޔަސް އެއްގޮތެއްގައި ބިންލިބުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އަދި ވީވަރަކުން އާބާދީ ތޮއްނުޖެހޭނެ ގޮތަކަށް ވެރީންގެ ވިސްނުން ބެހެއްޓެވުމީ މުހިންމު ކަމެކެވެ. ނޫންނަމަ މިފަދަ ކޮންމެ ކަމެއް ވެގެންދާނީ އިޖްތިމާއީ ބަލިތަކުން ފުރިގެންދާނެ ނުރައްކަލަކަށެވެ. އެއް ސަރުކާރަކުން އަނެއް ސަރުކާރަކަށް ވާރުތަވާ ދުއްތުރާލަކަށް އަދި ރައްޔިތުން އަޅުވެތިވެ ދަރަނިވެރި ވެގެން ދިއުމުގެ މަގަކަށް ކަމުގައި މެނުވީ ނުވާނެއެވެ.
އެޑިޓަރުގެ ނޯޓް: މިއީ މަޝްހޫރު ލިޔުން ތެރިޔާ ފުނަމާ އާދަމް މަނިކު ލިޔުއްވާފައިވާ ލިޔުމެކެވެ.