މިސަރުކާރަށް ތިން އަހަރު ފުރިގެންދާއިރު، އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ދެނީ ވަރަށް ބޮޑު "ބޮޑިއެއް" ކަމުގައި ރައްޔިތންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓަރ މަޖިލީހުގައި އެދިވަޑައިގަތް މައްސަލައަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިއީ ދަރަނި އަދާކުރާނެ ގޮތެއް ނޭގިގެން ގޮތް ހުސްވުމުން ކުރަމުންދާ ކަމެއްކަމަށެވެ.
މިއަދު މިސަރުކާރަށް 3 އަހަރު މިފުރެނީ. ފުރޭއިރު މިއަދު ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން މިދެނީ ބޮޑިއެއް. ލަޑެއް މިދެނީ. އެއްގޮތަކަށްވެސް މިއީ އަކީ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވާނެ ކަމެއްނޫން. މިކަމުން ރައްޔިތުންނަށް ފައިދާވާނެ ކަމެއްނޫން. މި އުޅެނީ، ހަމައެކަނި ސަރުކާރުން ދަރަނިތައް ހަމަޖައްސާނެ ގޮތެއް ނޭގިގެން. މިކަން ކުރާނެ ގޮތެއް ނޭގިގެން ކުރަމުންދާ ކަންތައްތައް.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްނަމަވެސް އިޤްތިޞާދު ހުޅުވި، ރާއްޖެއަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިވުމުން އަނެއްކާވެސް ދަރަނި ބޮޑުވާނެ ގޮތަށް ކަންކަން ކުރުމަކީ ހެދޭ ވަރަށްބޮޑު ގޯހެއްކަމަށެވެ. އެމްޑީޕީގެ މެމްބަރުންވެސް ވިސްނަންޖެހޭނީ ރައްޔިތުން ދަރަނިން ސަލާމަތް ކުރުމަށް ކަމަށާއި، ދަރަނި ބޮޑުވާނެ ގޮތަށް އަނެއްކާވެސް ޖާގަ ދިނުމަކީ ކޮށްގެންވާނެ ކަމެއްކަމަށެވެ.
މިކަމަށް އަޅުގަނޑުމެން މަޖިލީހުން ކޮށްދޭންޖެހޭ ކަމަކީ ފަރުވާއެއް ހޯދައި ދިނުން. އެކަން ކުރާނެ ގޮތެއް ރާވާފަ ކިޔާދިނުން. ސަރުކާރުގެ ނެތް އެކެޕޭސިޓީ. މިދަރަނި އަދާކުރާނެ ގޮތެއް، ކަންކުރާނެ ގޮތެއް ނޭގިގެން ދިޔާމަ މިބާވަތުގެ ކަންކަން މިހެން ކުރަން މިޖެހެނީ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ ޑޮލަރުގެ އަގު މަތިވެފަ ދިވެހި ފައިސާގެ އަގު ވެއްޓިގެންދާނެކަމަށާއި، މިއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެގެން ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫން ކަމަށެވެ. އަދި މިއަދު ބޯޑަރު ހުޅުވި ގެސްޓުން އައިސް، އިޤްތިޞާދު ފުޅާވެގެންދާއިރު، މިނޫން ގޮތަކަށް މިފޯމިއުލާ ނެރެންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ