1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ބަޣާވާތަކީ ދިވެހީންގެ ބަޔަކާއި، ލަންކާގެ ޓެރަރިސްޓް ޖަމާޢަތަކުން ހިންގި ތާރީހުދުށް އެންމެ ނުރައްކާތެރި ހަދިސާ ކަމުގައި، މިހާދިސާ ހިނގިއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ އެމްއާރުއެމްއިން ހާމަކުރައްވައިފިއެވެ.
ނަސްރުގެ ދުވަހުގެ ތަހްނިޔާ ދިވެހި އެންމެހައި އަޚުންނާއި އުޚްތުންނަށް އަރިސްކޮށް އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ހިންގި ބަޣާވާތެއްކަމަށެވެ.
އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާ. އެދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުން. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށް. އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވި.
– އެމްއާރުއާރުއެމްއިން ވިދާޅުވިއެވެ.
ހަމައެހެންމެ، ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމަތަކެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް ކަމަށް މިބަޔާނުގައިވެއެވެ. އަދި ދިވެހި ސަރުކާރު އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާ އިންކަމަށާއި، މި ފުރުޞަތުގައިވެސް އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރި އެމްއާރުއެމްއިން ވަނީ ޝުކުރު އަދަކޮށްފައެވެ.
އެދުވަހު ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ބާޣީންނާއި ހަގުރާމަކުރަމުން ދިޔައިރު، ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވާކަމަށް މިބަޔާނުގައިވެއެވެ. އަދި ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައިކަމަށެވެ.
ކޮމެންޓު ފޮނުވާ