އިނގިރޭސިވިލާތުގެ ގްލަސްގޯވްގައި ބޭއްވުނު ކޯޕް26 ސަމިޓްގެ އެއްބަސްވުމުގެ ޑްރާފްޓުގެ ބަސްމަގަށް އެންމެ ފަހުވަގުތު ބަދަލު ގެނައުމަށް (ބޯޓުދެލި ނެގުން އެކީ ހުއްޓާލުމަށް އެއްބަސްވުމުގައި ބުނެފައިވާ ބުނުމަށް ބަދަލު ގެނައުމަށް) އިންޑިއާއި ޗައިނާއިން ބޭނުންވެ، މޫސުމީ ވައުދުތަކަށް އެއްބަސްވުމަކަށް އައުމުގައި ދުނިޔޭގެ ގައުމުތަކަށް ނާކާމިޔާބު ވެއްޖެއެވެ.
ކޯޕް26 ސަމިޓުގައި ކުރިޔަށްދިޔަ މަޝްވަރާތަކުގައި އެންމެ ފުރަތަމަ ގައުމުތަކުން އެއްބަސް ވެފައިވަނީ، ބާރުމިނުގައި، ބޯޓު ދެލި ނެގުން ހުއްޓުމަކަށް ގެނައުމުގެ އިތުރުން ޖައްވަށް ވިހަ ދުން ބޭނުންކުރާ މައްދާތަކަށް ގައުމުތަކުން ދެމުންދާ ސަބްސިޑީސްވެސް ނިމުމަކަށް ގެނައުމަށެވެ.
މި މަޝްވަރާތަކުގައި، އެއަށްފަހު ބައެއް ގައުމުތަކުން ބާރު އަޅާފައިވަނީ "ކާބަންގެ މާއްދާތައް އެކުލެވޭ" ބޯޓުދެލި އެއްދުން ހުއްޓުމަކަށް ގެނައުމަށާއި، "އެކަށީގެން ނުވާ" ސަބްސިޑީސްތައް ހުއްޓުމަކަށް ގެނައުމަށެވެ. އަދި އެއްބަސްވުމުގެ ތިންވަ ޑްރާފްޓުގައި ގައުމުތަކުން އެއްބަސް ވެފައިވަނީ މި މައުދަންތައް ބޭނުންކުރުން ހުއްޓުމަކަށް ގެނައުމަށް "ކުރެވޭ މަސައްކަތްތައް" އިތުރަށް ހަލުއި ކުރުމަށެވެ.
އަދި، އެންމެ ފަހުގެ އެއްބަސްވުން ސަމިޓްގެ ރިޔާސަތުން އިއުލާން ކުރިއިރު އެއްބަސް ވުމުގައި މިމާއްދާގެ ބާރު އިތުރަށް ދަށްކޮށް، "ކާބަންގެ މާއްދާތައް އެކުލެވޭ" ބޯޓު ދެލި ނެގުން "މަދު ކުރުމަށް" މިގޮތަށް ހިމަނާފައެވެ.
ދެ ހަފްތާގެ މުއްދަތަށް އިނގިރޭސިވިލާތުގެ ގްލަސްގޯވްގައި ކުރިޔަށްދިޔަ ސަމިޓުގެ ގިނަ ނިންމުންތަކެކޭ އެއްފަދައިން، މި ސަމިޓްގެ އެންމެ ފަހުގެ އެއްބަސްވުންވެސް މިހާރު ބެލެވިފައިވަނީ، ބާރުދަށް އަދި އެކަށީގެން ނުވާ އެއްބަސްވުމެއްގެ ގޮތުގައެވެ.
ދުނިޔޭގެ 200 ގައުމެއްގެ މަންދޫބުން 2 ހަފްތާ ވަންދެން ކުރިޔަށް ގެންދިޔަ އުދަގޫ މަޝްވަރާތަކުންވެސް، ދުނިޔޭގެ ހޫނުމިން ނުރައްކާތެރި ދަރަޖައަކަށް އުފުލިގެންދާ ދިއުމުން ސަލާމަތްވުމަށްޓަކާ ކުރަންޖެހޭކަމަށް ދުނިޔޭގެ ސައިންސްވެރިން ފާހަގަ ކޮށްފައިވާ ކަންކަމަށް އެއްބަސްވުމަކަށް އެންމެ އެކަށީގެންވާ ގޮތުގައި އާދެވިފައި ނުވާތީ، ކޮންފަރެންސްގެ ރައީސް އަލޮކް ޝަރުމާވަނީ ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން މާފަށްވެސް އެދިފައެވެ.
އަދި މީގެ އިތުރުން، ހަނަފަސް ކަމުންނާއި، ދުނިޔޭގެ ހޫނުމިން މަތިވަމުން ދާދިއުމުންނާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް ހުށެހެޅިފައިވާ ގައުމުތަކަށް މާލީގޮތުން އެހީތެރިވެ ދިނުމަށްވެސް ކޯޕް26 ސަމިޓުގައި ދުނިޔޭގެ މުއްސަދި ގައުމުތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ މިގައުމުތަކަށްވެސް ވަނީ ފާޑުކިއުން އަމާޒު ވެފައެވެ.
"މިހާރު މިއޮތީ އެންމެ ފަހުގެ ނިންމުން ނިންމަންވީ ވަގުތު. އަދި ތިބޭފުޅުން ނިންމާ ނިންމުމަކީ ވަރަށްވެސް މުހިންމު ނިންމުމެއް،" ކުރެވުނު ދިގު މަޝްވަރާތައް ނިންމަމުން ކޯޕް26 ކޮންފަރެންސްގެ ރައީސް އަލޮކް ޝަރުމާ ވިދާޅުވިއެވެ.
ސަމިޓްގެ މަޝްވަރާތަކަށްފަހު އެކުލަވާލި އެއްބަސްވުމުގެ ބަސްމަގުގެ ހަރުކަށިކަން ކުޑަކުރަން އެންމެ ފަހު ވަގުތު ޗައިނާ، އިންޑިއާ އަދި އެމެރިކާއިންވަނީ އެދިފައެވެ.
"މި ޕްރޮސެސް ފޮރުޅިގެން ދިޔަ ގޮތުން އަހަރެން މާފަށް އެދެން، އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން،" އެންމެ ފަހުގެ ނިންމުން އިއުލާން ކުރަމުން، ފެންކަޅުވެފައި އިނދެ، ޝަރުމާ ވިދާޅުވެފައި ވެއެވެ.
ކޯޕް26 ސަމިޓްގެ އެންމެ ފަހުގެ ޑީލްއަކީ "ނާޒުކު ކާމިޔާބެއް" ކަމުގައާއި، އަދި "1.5 މަރުވެގެން ދިޔަނުދީ ބޭއްވުމަށް އެންމެ އެކީ މަސައްކަތް ކުރަންޖެހޭ" ކަމަށް ވިދާޅުވެ އޭނާ ފަހުންވަނީ ޓުވީޓް ކުރައްވާފައެވެ.
ސަމިޓްގެ އެންމެ ފަހުގެ އެއްބަސްވުމުގައި ވާގޮތުން، ޖައްވު އެންމެ ބޮޑަށް ނުސާފު ކުރުވާ މައުދަން ކަމުގައިވާ ބޯޓުދެލި ނެގުން އެކީ ހުއްޓުމަކަށް ގެނައުމުގެ ބަދަލުގައި ބޯޓުދެލި ނެގުން މަދުކުރުމަށް ވަނީ އެއްބަސް ވެފައެވެ. އަދި ދުނިޔޭގެ ޖައްވަށް ބޭރުކުރާ ނުރައްކާތެރި ގޭހެއް ކަމުގައިވާ މީތޭން ގޭސް ބޭރުކުރުން މަދު ކުރުމަށްވެސް ބައެއް ގައުމުތަކުން ވަނީ އެއްބަސް ވެފައެވެ. އަދި މީގެ އިތުރުން ދުނިޔޭގެ ޖަންގަލިތައް ނެތިގެންދާ ދިއުމުން 2030ގެ ނިޔަލަށް ހުއްޓުވުމަށް މަސައްކަތް ކުރުމަށްވެސް ގައުމުތަކުން ވަނީ އެއްބަސް ވެފައެވެ.
Sharma is now crying #COP26
— Patrick Galey (@patrickgaley) November 13, 2021
The fact COP26 just ended with Alok Sharma apologising and fighting back tears underlines what a fiasco the last fortnight has been.
— (((Dan Hodges))) (@DPJHodges) November 13, 2021
އޮބްޒާވަރުން ވިދާޅުވާ ގޮތުގައި، ކޯޕް26 ސަމިޓްގެ އެއްބަސްވުމަކީ، ދުނިޔެ ނުރައްކާތެރި ދަރަޖައަކަށް ހޫނުވެގެން ދިއުމުން ސަލާމަތް ކުރުމަށާއި، މޫސުމީ ނުރައްކާތަކަށް ދުނިޔޭގެ ގައުމުތައް އަހުލުވެރި ކުރުވުމަށާއި، އަދި މިހާރުވެސް ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ނުތައްކާތަކުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ އެއްބަސްވުމެއް ނޫނެވެ.
ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ މިއެއްބަސްވުމަށް މަރުހަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް މިއީ މިއީ އެންމެ އެކަށީގެންވާ އެއްބަސްވުން ނޫންކަމުގައިވެސް އޭނާވަނީ ވިދާޅުވެފައެވެ.
"އަހަރެމެން އަދިވެސް މިދަނީ، މޫސުމީ ކާރިސާތަކުގެ ދޮރުގައި ޓަކި ޖަހަމުން،" އޭނާ ވިދާޅުވިއެވެ.
ސްވިޑިޝް އެންވިރިންމެންޓަލް އެކްޓިވިސްޓެއް ކަމުގައިވާ ގްރެޓާ ތަންބާރގް ވިދާޅުވެފައިވަނީ، ކޯޕް26 ސަމިޓްގެ މަޝްރާތަކުން ހާސިލްވި އެއްވެސް ކަމެއް ނެތްކަމުގައެވެ. އަދި އޭނާ ސިފަކޮށްފައިވަނީ މިއީ ހުސް ވާހަކަ ތަކެއްގެ ގޮތުގައެވެ.
2015ވަނަ އަހަރުގެ "ޕެރިސް ޑީލް"ގެ އެެއް ބާނީ ކަމުގައިވާ ލޯރެންސް ޓުބިއާނާ އޭއެފްޕީއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ "މިހާރުން މިހާރަށްވެސް އެހީތެރިކަމަށް ބޭނުން ވެފައިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކޯޕް26 ފެއިލް ވެގެން ގޮސްފައިވާ" ކަމުގައެވެ.
އެހެންނަމަވެސް، ޔޫރަޕިއަން ކޮމިޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯޕް26ގެ ޑީލުން "ޕެރިސްގެ ޓާގެޓްތަކަށް ދިރުން" ގެނެސްދީފައިވާ ކަމުގައެވެ.
ކޯޕް26 ސަމިޓް އެގައުމެއްގައި ބޭއްވުނު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، ކޯޕް26 އެއްބަސްވުމަކީ "ކުރިޔަށް އެޅުނު" ފިޔަވަޅެއް ކަމުގައެވެ. އެހެންނަމަވެސް މުހިންމު މަސައްކަތްތަކެއް އިތުރަށް ކުރަންޖެހޭކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
އަދި އެމެރިކާގެ ކްލައިމެޓް އެންވޯއި ޖޯންކެރީ ވިދާޅުވެފައިވަނީ، މި ސަމިޓުން ހާސިލްވީ ރަގަޅު ކަންކަމުގެ މަތިން ހަދާންކުރަން ޖެހޭކަމަށެވެ.
"އަހަރެމެން އަބަދުވެސް ތިބީ ވިސްނައިގެން ގްލަސްގޯވްއަކީ ނިމުން ނޫންކަން، އަދި އެގޮތަސް ވިސްނައިގެން ތިބިޔަބަކަށް އަހަރެމެން އެންމެންގެ ކުރިމަތީގައިހުރި ގޮންޖެހުންތަކެއް ނޭގޭ، އެހެންކަމުން ބުނަން އޮތީ، ޕެރިސް އެއްބަސްވުމުން މާހައުލެއް ތަނަވަސް ކޮށްދިންއިރު، ގްލަސްގްލޯވްއިން ރޭސް ފަށާދީފައިވާ ކަން، އަދި މިރޭ މިވަނީ ރޭސް ފެށުމުގެ ގޮތުން ޖަހަންޖެހޭ ބަޑި ޖަހާފައި،" ޖޯން ކެރީ ވިދާޅުވެފައު ވެއެވެ.