ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމަށް ވަކީލަކު ހަމަޖައްސަން 7 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މިދައުވާ ކޮށްފައިވަނީ ހަރުކަށި ޖަމާއަތަކަށް ތާއީދު ކުރާ ފަދަ ލިޔުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައިވެސް ވަކީލަކު ހަމަޖައްސަން އޭނާއަށް ފުރުސަތު ދީފައިވެއެވެ. ނަމަވެސް މިއަދުގެ އަޑުއެހުމާއި ހަމައަށްވެސް ވަކީލަކު ހަމަޖެހިފައިވާކަން ކޯޓަށް އަންގާފައި ނުވާކަމަށް މިމައްސަލަ ބައްލަވާ ޤާޞީ ހަސަން ސައީދު ވިދާޅުވިއެވެ. ނާޒިމަކީ މީގެ ކުރިން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅެނިކޮށް ތުރުކީގެ ބޯޑަރު ކައިރިން ހައްޔަރުކޮށް އަނބުރާ ރާއްޖެ ފޮނުވާލި މީހެކެވެ.
މިއަދުގެ އަޑުއެހުމުގައި ނާޒިމް ބުނެފައިވަނީ ވަކީލަު ހަމަޖެހުނުކަމަށް އޭނާއަށް އެންގިކަމަށެވެ. ނަމަވެސް ފަހުން ވަކީލުގެ ޚަބަރެއް ވެފައިނުވާކަށެވެ. ހަމަޖެއްސި ވަކީލާއި ގުޅުމަށް ކޯޓުގައި ހުރެގެން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. ޤާޒީ ހަސަން ސައީދު ވަނީ ވަކީލަކު ހަމަޖެއްސުމަށް އިތުރު 7 ދުވަހުގެ މުއްދަތެއް ނާޒިމަށް ދީފައެވެ.
ނާޒިމަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހެކެވެ. އެ މައްސަލައާ ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ޚުލާސާ ގޮތެއްގަައި ހެކިވެސް ހުށައަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން 9 މީހެއްގެ މައްޗަށް ވަނީ ދައުވަކޮށްފައެވެ. މިމީހުންގެ ޝަރީއަތް މިހާރު ފެށިގެން ކުރިއަށްދާއިރު، ގިނަ ޝަރީއަތްތައް ގެންދަނީ ހުޅުވާލައިގެންނެވެ.
ކޮމެންޓު ފޮނުވާ