މާލޭ ސަރަހައްދުގައި އެމްއެންޕީގެ ހަރަކާތްތައް ފުޅާކުރުމާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން މިއަދު ހުޅުމާލޭގައި ހަރަކާތްތަކެއް ހިންގައިފިއެވެ.
މިއަދުގެ ހަރަކާތްތަކުގައި އެޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް އަދި އެޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވިއެވެ. އޭގެ އިތުރުން ޕާޓީގެ އެގްޒެކެޓިވް ކައުންސިލާއި އެޑްވައިިޒަރީ ކައުންސިލްގެ މެންބަރުންވެސް މިހަރަކާތްތަކުގައި ވަނީ ބައިވެރިވެފައެވެ.
މިއަދު ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން ޒުވާނުންގް ސޮއިކުރުމުގެ ހަރަކާތަކާއި ޑޯޓުޑޯ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ހުޅުމާލެ ބީޗް ސަރަހައްދުގައި ބޭއްވުނު ޒުވާނުންގެ ސޮއިކުރުމުގެ މިހަރަކާތުގައި 100 އަށް ވުރެ ގިނަ ޒުވާނުން ވަނީ މިއަދު އެމްއެންޕީއާ ގުޅިފައެވެ. މިހަރަކާތް ފެއްޓުމުގެ ގޮތުން އެމްއެންޕީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އެމްއެންޕީއަކީ ޒުވާނުންގެ ޕާޓީއެއް ކަމަށާއި، ޕާޓީގައި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް އޮތްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވީހާވެސް ގިނަ ޒުވާނުން އެމްއެންޕީއާ ގުޅުމަށް ވަނީ ދަޢުވަތު ދެއްވާފައެވެ.

އަދި އެއަށް ފަހު އެމްއެންޕީގެ ރައީސްވަނީ ހުޅުމާލޭގެ ޑޯޯޓުޑޯ ހަރަކާތް ފައްޓަވާދެއްވައި ބައެއް ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބައްލަވާފައެވެ. އޭގެ އިތުރުން އެމްއެންޕީގެ ލީޑަރޝިޕް އަދި ޑޯޓުޑޯ ޓީމުންވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެ ގޭގެއަށް ޒިޔާރަތްކޮށް، އެމްއެންޕީން ކުރަމުންމިދާ ޤައުމީ މަސައްކަތުގައި ބައިވެރިވުމަށް ހުޅުމާލޭ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައެވެ. އަދި މިދަޢުވަތު ޤަބޫލުކުރައްވައި ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ވަނީ އެމްއެންޕީއާ ގުޅިފައެވެ.
ކުރިޔަށް ހުރި ހަފްތާތަކުގެ ތެރޭގައި ހުޅުމާލޭގައި އަދި މާލޭގެ އެހެން ހުރިހާ އަވަށެއްގައިވެސް މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ. އަދި މިހަރަކާތްތަކުގެ ތަފްސީލާއި އެމްއެންޕީން އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ތަފްސީލުވެސް އެޕާޓީގެ ސޯޝަލް މީޑިޔާގެ ޒަރީޢާއިން ރައްޔިތުންނާ ޚިއްޞާކުރަމުންދާނެކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ