ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ނުވަތަ ކަނޑުގެ އަޑި ޗާޓު ހެދުމުގެ އެއްބަސްވުމުގައި އެކުލެވޭ އެންމެހައި ކަންކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން، އެވެރިކަމުގައި ކުރެއްވި ކަމެއްކަމަށް ދެއްކުމަށް ޑިފެންސް މިނިސްޓްރީން ކުރި މަސައްކަތަށް ޣައްސާންގެ ވަރުގަދަ ސުވާކުތަކެއް ކުރިމަތި ކުރައްވައިފިއެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކޮށްފައިވާ އަސްކަރީ ގުޅުމުގެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން ދަނީ ކުރަމުންނެވެ. އެގޮތުން، އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ހައިޑްރޮގްރޮފީ އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުންތަކުގެ ތަފްސީލް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ވަނީ ހިއްސާކޮށްފައެވެ.
ރޭގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާއާއި، އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވަނީ މިމަސައްކަތް ފެށިފައިވަނީ 2016 ވަނަ އަހަރުކަން ފާހަގަކޮށް، އިދިކޮޅު ފަރާތްތަކުން އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ ގޮވާލުންތަކަށް ރައްދު ދީފައެވެ. އޭނާ ވިދާޅުވީ މިސާވޭގެ އެންމެ މުހިންމު މަސައްކަތެއް ކުރެވުނީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި އެ ސާވޭ ހިމަނައިގެން ކަމަށެވެ.

އެމްއެންޑީއެފްގެ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވަނީ ފުލުފުލުގައި އަސްކަރިއްޔާއިން ވަޑައިގެންނެވި ބޭފުޅުންނަށް ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ. ނަމަވެސް އޭގެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ދެއްވާފައި ނުވާކަން ކޮމެޓީގެ ރެކޯޑިންއިން ހާމަވެއެވެ.
ޣައްސާން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އެކުލަވާލި އެއްބަސްވުމަށް ގެނައި ބަދަލުތައް ހިއްސާކުރުމަށް އެދިފައެވެ. އަދި އެއްބަސްވުމުގެ ދަށުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭގޮތަށް އޮތް އޮތުމަކީ ކޮންގޮތަކަށް ވިސްނާފައި ގެނައި ބަދަލެއްތޯވެސް ސުވާލު ކުރައްވާފައެެވެ.
ހައިޑްރޯގްރަފީ އެއްބަސްވުން ހެއްދެވިއިރު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އެމަސައްކަތުން ދިވެހި ދައުލަތަށް ފައިސާ ލިބޭވާހަކަ އެމްއެންޑީއެފް ޕްރެޒެންޓޭޝަންގައި ވަރަށް ބޮޑަށް ފާހަގަ ކުރެއްވީމަ އަޅުގަނޑު ހަމަ އުދަނގޫވާހަކަ ފާހަގަކުރަން. އެއީ ކީއްވެގެން ކުރައްވާ ކަމެއްތޯ؟ ދައުލަތަށް އާމްދަނީ ހޯދުމުގެ އެއްވެސް ކަމެއް ނުހުންނާނެ، ސްޓްރެޓެޖީ ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމުގެ ސިޔާސަތެއް މިހާރު ބައްޓަން ކުރައްވަނީތޯ؟
– ޣައްސާން ސުވާލު ކުރެއްވިއެވެ.
ނަމަވެސް މިސުވާލަކަށް ޖަވާބު ދެއްވާފައި ނުވެއެވެ، ދެއްކެވީ މުޅިން އެހެން ވާހަކަތަކެކެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި ސާވޭއަކީ ނެވިގޭޝަނަލް ކަންކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ހަދާ ސާވޭއެއް ކަމަށެވެ. އަދި އެ ސާވޭ ކުރެވޭނީ ރާއްޖޭން އިސްކަންދޭ ސަރަހައްދުތަކެއް ކަމަށާއި، އެކަންކަން ލިމިޓުކުރުމުގެ ފުރުސަތު ވެސް ރާއްޖެއަށް ލިބޭކަމަށް ޝަމާލް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ކުރީކޮޅުގައި އިންޑިޔާއާއި ރާއްޖޭގެ މެދުގައި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އެކުލެވޭ އެކްޝަން ޕްލޭނެއްގައި ސޮއިކުރި ނަމަވެސް އެ އެކްޝަން ޕްލޭނުގައި ހިމެނޭ ކަންކަން ދިރާސާކުރެއްވުމަށްފަހު އެއިން ގިނަ ކަންތަތަކެއް ނުކުރުމަށް އެއިރުގެ ސަރުކާރުން ނިންމިއެވެ.
ނަމަވެސް މިހާރު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ސުވާލު އުފެއްދުމުން އެ އެއްބަސްވުންތަކަކީ އެ އެކްޝަން ޕްލޭނުގެ ދަށުން ހަދާފައިވާ އެއްބަސްވުންތަކެއް ކަމުގައި ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެކްޝަން ޕްލޭނަކީ ޤާނޫނީ ގޮތުން އިލްތިޒާމުވާންޖެހޭ އެއްބަސްވުންތަކެއް ނޫނެވެ.
މިހާރު ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެއްނޫން. ރައީސް ޔާމީނު ކުރައްވަން ބޭނުންފުޅުވި ކަންތައް ހުރީ އެއިރު ކުރައްވާފައި، ދެން މި އެގްރީމެންޓުތަކުގައި އެއިރު ސޮއިނުކުރައްވާ، ރައީސް ޔާމީން ކުރައްވަން ނިންމަވާފައި ހުރި ކަންތައްތައް މި ސަރުކާރުން ބަދަލުކޮށްފަައިވެސްވޭ.
– ޣައްސާން ވިދާޅުވިއެވެ.
އޭގެ އިތުރަށް ޣައްސާން ފާހަގަކުރެއްވީ އެމްއެންޑީއެފުން މި އެއްބަސްވުންތަކާ ގުޅިގެން ދިން ޕްރެޒެންޓޭޝަނަކީ ވަރަށް ސިޔާސީ އެއްބަސްވުމެއް ކަމަށެވެ. އަދި އެކަމާމެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

މި ސާވޭގެ ދަށުން ރާއްޖޭގެ ކަނޑު އަޑީގައި ހުރި މައުދަންތަކާއި ދިރުންތަކުގެ މައުލޫމާތު އިންޑިއާއަށް ލިބޭނެތޯ މެންބަރަކު ކުރެއްވި ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ޝަމާލް ވިދާޅުވީ، އެ "ސާވޭއަކީ ނެވިގޭޝަނަލް ކަންކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް" ހަދާ ސާވޭއެއް ކަމަށެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ސާވޭ ކުރުމުގެ ބަދަލުގައި އެ އެއްބަސްވުމުގެ ދަށުން ސާވޭ ކުރާނީ ރާއްޖެއިން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ