ސަރުކާރުން ތަޢާރަފްކުރި މިނިމަމް ވޭޖާއެކު އެތައް ރައްޔިތެއްގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮބަދަލު އަންނާނެކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންނަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ، ސަރުކާރުން ފާއިތުވެދިޔަ ހަފްތާގައި ވަނީ އިއުލާންކޮށްފައެެވެ. އެކަމަށް އިޝާރާތްކުރައްވާ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، މިނިމަމް ވޭޖުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލު އަންނަނާނެކަމަށެވެ. އަދި މަސައްކަތްތެރިންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުވެސް ފުއްދައިފިކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
Minimum vage ge sababun ethah baehge dhiriulhumuge haalathah heyo badhalu annaana. Raees @ibusolih e vaudhuves fuhdhavaifi.
— Ahmed Abdulla (@ahmedabdulla2a) November 12, 2021
ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ސަރުކާރުން އިއުލާންކޮށްފައިވާއިރު، އެއީ 4500 ރުފިޔާއެވެ.
އުޖޫރަ ކަނޑައަޅާފައިވާގޮތް:
– ކުދި ވިޔަފާރިތަށް، 4،500 ރުފިޔާ
– މެދުފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ
– ބޮޑެތި ވިޔަފާރިތަޔަށް 8،000 ރުފިޔާ
– ބަޕްލިކް ސެކްޓަރ އަށް 7،000 ރުފިޔާ
އެންމެ ކުޑަ އުޖޫރަ ގަރާރުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިބަލާއިއެކު ސިވިލްސާވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން 15،000 މީހުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ. އަދި ފަތުރުވެރިކަމުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ އުޖޫރަ ކަނޑައެޅި ކަމުގައިވީނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލެއް ގެނައުމަސް ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށެވެ.
މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވައިފައިވަނީ އަހަރުތަކަކަށް ބަހާލައިގެންކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ