ޖުމްހޫރީ ދުވަސް: 54 އަހަރުވީ ޖުމްހޫރީ ނިޒާމަށް ލޮޅުން އަރުވާލެވިދާނެތަ؟

ޖުމްހޫރީ ދުވަސް: 54 އަހަރުވީ ޖުމްހޫރީ ނިޒާމަށް ލޮޅުން އަރުވާލެވިދާނެތަ؟

މިއަދަކީ ރާއްޖޭގެ 54 ވަނަ ފަޚްރުވެރި ޖުމްހޫރީ ދުވަހެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީ މީލާދީން 1 ޖަނަވަރީ 1953 ގައެވެ. މި ޖުމްހޫރިއްޖާގެ ހަމައެކަނި ރައީސަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެހެންނަމަވެސް މި ޖުމްހޫރިއްޔާ އަދި މުޙައްމަދު އަމީނުގެ ވެރިކަން ދެމިއޮތީ އެންމެ ހަތްމަހާއި އެކާވީސް ދުވަހުއެވެ.

އޭގެފަހުން މީލާދީސަނަތުން 7 މާރިޗު 1954 ގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. އެފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލެވެ. އެއާއެކު އޭނާ ވެގެން ދިޔައީ ރާއްޖޭގައި ރަސްކަން ކުރެއްވި އެންމެ ފަހު ރަސްގެފާނަށެވެ. އެރަދުންގެ ރަސްކަން މީލާދީން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު އެރަސްކަންނިމި އަނެއްކާވެސް ޖުމްހޫރިއްޔަތެއް އުފެދުނެވެ.

އެ ފަހަރު އުފެދިގެން ދިޔައީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއެވެ. އެ ޖުމްހޫރިއްޔާ އުފެދުނީ 11 ނޮވެމްބަރ 1968 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި އިންތިޚާބު ކުރެވުނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރައީސް އިބްރާހީމް ނާޞިރު ވަނީ ދެ ދައުރެއްގެ މަތިން ދިހަ އަހަރު ރާއްޖޭގައި ރައީސްކަން ކުރައްވާފައެވެ. ޢުމުރުފުޅުން 82 އަހަރުގައި އިބްރާހީމް ނާޞިރު އަވަހާރަވީ، 22 ނޮވެމްބަރު 2008 ގައެވެ.

 

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު އާއިލާގެ ބައެއް މެމްބަރުންނާއިއެކު

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސެއްގެ ގޮތުގައި މީލާދީން 1978 ވަނައަހަރުގެ ނޮވެންބަރުމަހުގެ 11 ވަނަދުވަހު ރައީސްކަމުގެ ހުވައި ކުރެއްވީ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނުވަނީ ފުރިހަމަ އަޣުލަބިއްޔަތާއެކު ރިޔާސީ ހަ ދައުރެއްގެ މަތިން، ތިރީސް އަހަރު ވެރިކަން ކުރައްވާފައެވެ. މައުމޫނުގެ ވެރިކަމަށްފަހު 2008 ވަނައަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެއަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެ ވަޑައިގަތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދެވެ. އެއީ ރާއްޖޭގައި އުފެދުނު ދެވަނަޖުމްހޫރިއްޔާގެ ތިންވަނަ ރައީސެވެ. އެމަނިކުފާނުގެ ވެރިކަން ދެމިއޮތީ 3 އަހަރާއި ދެމަހާއި 27 ދުވަހުއެވެ.

ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް މައުމޫން އަބްދުލްޤައްޔޫމާއެކު

އޭގެފަހުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސެއްގެ ގޮތުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަދުވަހު ވެރިކަމުގެ ހުވައި ކުރެއްވީ ރައީސް ނަޝީދުގެ ނާއިބުރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ރައީސް ވަޙީދުގެ ވެރިކަން އޮތީ 2013 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.

ރައީސް މުޙައްމަދު ވަޙީދު ހަސަން މަނިކު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސަކަށް ވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަދުވަހު ވަނީ ނިމިފައެވެ. ރައީސް ޔާމީނަށްފަހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހެވެ. ބޮޑު ކޯލިޝަނަކާއިއެކު އެމަނިކުފާނު ފެއްޓެވި ވެރިކަމަކީ ގޮންޖެހުން ބޮޑު އުނދަގޫ ވެރިކަމަށް ވީނަމަވެސް ވަރަށް ކެތްތެރިކަމާއިއެކު އެމަނިކުފާނު ގެންދަވަނީ ކޯލިޝަންގެ ވެރިކަން ދަމަހައްޓަވަމުންނެވެ.

ރައީސް އަބްދުﷲ ޔާމިން ވެރިކަމުގެ ހުވާކުރެއްވުމުގެ ދަރުބާރަށް ހާޒިރުވަނީ

ވެރިކަމަށް 3 އަހަރު ފުރެން 7 ދުވަހަށް ވެފައިވާއިރު، މިހާރު އޮތް ވެރިކަމުގެ ނިޒާމާއިމެދު ސުވާލު އުފައްދައި ނިޒާމު ބަދަލު ކުރުމަށް ކޯލިޝަންގެ މައި ޕާޓީގެ ލީޑަރު ރައީސް ނަޝީދު ހުންނެވީ ފޫގަޅާފައެވެ. ރައީސް ނަޝީދު ހުންނެވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފޮރޮޅާލަން ތައްޔާރަށެވެ. ނަމަވެސް މިކަމަށް ރައްޔިތުންނާއި ވެރިކަމުގެ ކޯލިޝަންގެވެސް އާބަސް ހޯދުމަށް ކުރެވުނު މަސައްކަތުގެ އެދެވޭ ނަތީޖާއެއް އަދި ވަނީ ލިބޭ ގޮތުން ނުވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރައްވަނީ

ޖުމްހޫރީ ވެރިކަމަށް ނިމުން ގެނަމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުން ވަނީ މީގެ ކުރިންވެސް ނޫނެކޭ ބުނެފައެވެ. ރައްޔިތުންގެ ނިންމުމަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ ވެރިކަޔު ވެރިކަމުގައި ބެހެއްޓުމެވެ. ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *