ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް ފާއިތުވެދިޔަ ތަނުގައި، އެމްޑީޕީން، އަދި ޚާއްސަކޮށް ނަޝީދު ގިނިކަންޏާ ކުރެއްވި މަސައްކަތުން، މި މަސައްކަތުގައި މާބޮޑު ތާއީދެއް ލިބިގެން ގޮސްފައި ނުވިނަމަވެސް، ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ގެންދަވަނީ ބަރުލަމާނީއަށް އާންމުންގެ ތާއީދު ހޯއްދެވުމަށް ޕެޓިޝަނެއްގައި ސޮއި ކުރައްވަމުންނެވެ. މީގެ ތެރޭގައި މިމަސައްކަތުގައި، އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ނަޝީދަށް ތާއީދުކުރާ ފެކްޝަންގައި ހިމެނޭ ބައެއް މެމްބަރުންގެ ތާއީދު މިމަސައްކަތުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވަނީ ފެނިގެން ގޮސްފައެވެ.
އެހެންނަމަވެސް މި ތާއީދަކީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލިހުގެ މެމްބަރުންގެ ތެރެއިން މަދު އަދަދެއްގެ މެމްބަރުންކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންނަމަވެސް، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ މަސައްކަތްތަކުގައި ފަހަކަށް އައިސް ގެންދަވަނީ، ނިޒާމު ބަދަލު ކުރުމުގެ މަސައްކަތަށް އެހެން ޕާޓީތަކުގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.
މިގޮތުން ނަޝީދުވަނީ ފާއިތުވެދިޔަ ތަނުގައި، ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ތަމްސީލު ކުރަމުންދާ ޕާޓީތައް ކަމުގައިވާ ޕީޕިއެމް/ޕީއެންސީގެ އިތުރުން ޖުމުހޫރީ ޕާޓީއާއި އަދި ދާދިފަހުން ވުޖޫދުވެގެންއައި އެމްއެންޕީއާއިވެސް މަޝްވަރާ ކުރައްވާފައެވެ.
މިމަޝްވަރާތަކަށްފަހު، މަޝްވަރާތަކާއި ގުޅޭގޮތުން މިޕާޓީތަކުން ފިނި ޖަވާބެއް ދީފައި ވާއިރު ނަޝީދު ވިދާޅުވެފައިވަނީ، މަޝްވަރާތަކުގެ އަމާޒަކީ، ނިޒާމު ބަދަލު ކުރުމަށްޓަކާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުން ކަމުގައެވެ.
ނަޝީދުގެ އަމާޒު އަދާލަތު ޕާޓީއާ ދިމާލަށް!
ރާއްޖެގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެކި ޕާޓީތަކާއެކީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ، މި މަސައްކަތުގައި އަދާލަތު ޕާޓީގެ ތާއީދު އޮތް ކަމުގައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތުގައި އަދާލަތު ޕާޓީގެ ތާޢީދު އޮތްކަމަށް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބަރުލަމާނީ ނިޒާމެއް ގެނައުމާމެދު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމް ބަދަލުކުރުމަށް ހުރިހާ ޕާޓީތަކުން އެއްބަސްވާކަމަށް ވިދާޅުވަމުންނެވެ. އަދި ނަޝީދު ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންވެސް އެކަމާ މަޝްވަރާކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ.
އަދި ހަމަ އެއާއެކު، ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މަޝްވަރާ އަށް އަދާލަތު ޕާޓީން ތައްޔާރު ކަމަށާއި ނަމަވެސް މި ވަގުތު އެ ޕާޓީގެ އަމާޒު ހުރީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ވީހާ ވެސް ގިނަ ހިދުމަތްތަކެއް ދިނުމަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "މިހާރު" ނޫހަށް ދެއްވި އިންޓަރވިއުއަކަށް އިޝާރާތް ކުރައްވާވެސް ނަޝީދު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ހުރިހާ ޕާޓީއެއްގެ ތާއީދު އޮތް ކަމަށެވެ.
އެހެންނަމަވެސް، ބަރުލަމާނީގެ މަސައްކަތުގައި ހުރިހާ ޕާޓީއެއްގެ ތާއީދު އޮތްކަމަށް ވިދާޅު، ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މި މަސައްކަތުގައި ވަކީން ޚާއްސަކޮށް އަދާ؛ަތު ޕާޓީގެ ތާއީދު އޮތްކަމަށް މޭރުންކޮށް ނަޝީދު ވިދާޅުވި ނަމަވެސް، އަދާލަތު ޕާޓިގެ ބައެއް އިސް ފަރާތްތަކުން ވަނީ، މި މަސައްކަތުގައި އަދާލަތު ޕާޓީން ގޮތެއް ނިންމަވާފައި ނުވާކަން ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައެވެ.
ނިޒާމު ބަދަލު ކުރުމާ އިމްރާން ދެކޮޅެއް ނޫން! ޕާޓީގެ ވިސްނުން ސާފެއް ނޫން!
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ކޯލިޝަންގެ ގިނަޕާޓީތަކުންވެސް ވަނީ ފާޅުގައި ދެކޮޅު ހައްދަވާފައެވެ. މީގެތެރޭގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްއާއި، އަދި އެމްއާރުމްގެ ޒައީމް، ރައީސް މައުމޫނުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ހަމައެއާއެކު، އަދާލަތު ޕާޓީގެ ބައެއް އިސްފަރާތްތަކުންވެސް ވަނީ، ސޯޝަލް މީޑިއާގައި ފާޅުގައި ނަޝީދުގެ މި ވިސްނެވުމާއި ދެކޮޅަށް އަޑު އުފުއްލަވާފައެވެ. މީގެ ތެރޭގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ އިސް ދެބޭފުޅަކު ކަމުގައިވާ ޑރ. އިޒާޒުއާއި ޝޭއިޚް އަލީޒައިދު ހިމެނިވަޑައި ގަންނަވައެވެ.
އެހެންނަމެވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް ނަޝީދު ފަށްޓަވާފައިވާ މަސައްކަތްތަކަށް ތާއީދު ކުރައްވާ މޭރުމަކުން މީޑިއާގައި ޝޭޚް އިމްރާން ވާހަ ދެއްކެވުމުން، އިމްރާނުގެ ވިސްނުން އަދާލަތު ޕާޓީގެ އެހެން ބައެއް އިސް ފަރާތްތަކާ މި މައްސަލާގައި ތަފާތުކަމަށް ބައެއް ފަރާތްތަކުން ދަނީ މޭރުން ކުރަމުންނެވެ.
އަދި، ނަޝީދަށް އިތުބާރުކޮށް، ބަރުލަމާނި ނިޒާމެއް ގެނައުމަށް ނަޝީދުއާއެކީ މަޝްވަރާތަކަށް ދެވިދާނެކަމަށް ޝޭޚު އިމްރާނު ފާޅުގައި މީޑިއާގައި ވިދާޅުވި ވިދާޅުވުމަކީ، ބަރުލަމާނީ މަޝްވަރާތަކުގައި ދައުރެއް އަދާކޮށް، ނަޝީދުގެ ރުހުން ހޯދާ، ވަޒީރުކަމުގެ މަގާމް ދިފާއު ކުރެއްވުމުގެ މަގުސަދުގައި ފަރުދީ ހައިސިއްޔަތުން ގެންގުޅުއްވަން ފެއްޓެވި ވިސްނުންފުޅެއްގެ ގޮތުގައިގައިވެސް އިމްރާނުގެ މިވިސްނުން ބައެއް ބޭފުޅުން ގެންދަވަނީ ސިފަ ކުރައްވަމުންނެވެ.