ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތްކުރަންޖެހޭ ގަޑި 8 ގަޑިއިރަށް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިހާރު އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް މިއަދު ވަނީ ވިދާޅުވެފައެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުން މިހާރު މަސައްކަތް ކުރާ ގަޑި އިތުރު ކުރުމަށް މިނިމަމް ވޭޖުގެ ބޯޑުން ލަފާ ދީފައިވާކަމަށެވެ. ސިވިލް ސާރވިސް މުވައްޒަފުން މިހާރު މަސައްކަތްކުރަނީ 6 ގަޑިއިރެވެ. އެހެންކަމުން 8 ގަޑިއިރަށް ވަގުތު އިތުރުކޮށްފިނަމަ ސިވިލް ސާރވިސް މުވައްޒަފުންގެ ރަސްމީ ގަޑި ނިމޭނީ މެންދުރު ފަހު 4 ޖަހާއިރުވެއެވެ.
މިނިސްޓަރ ފައްޔާޒް މިއަދު ވިދާޅުވީ، އަމިއްލަ ފަރާތްތަކުގައި އާންމުކޮށް މަސައްކަތް ކުރާ މުވައްޒަފުން ދުވާލެއްގެ މައްޗަށް 8 ގަޑިއިރު މަސައްކަތް ކުރާކަމަށާއި، ނަމަވެސް ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރަނީ ދުވާލަކު 6 ގަޑިއިރުއެވެ. މިއާއެކު އަމިއްލަ ފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަމުގައި ވަރަށްބޮޑު ފަރަޤެއް އޮންނަކަމަށްވެސް މިނިސްޓަގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަށް ރަނގަޅު ކުރުމަށްޓަކައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ފަރާތުން ރިކޮމެންޑޭޝަނެއް އެބައޮތް، ޕްރައިވެޓް ސެކްޓާއާއި އެއްގޮތަށް 8 ގަޑި އިރަށް އިތުރު ކުރުމަށް. އެއީ އަޅުގަނޑުމެން ކުރިއަށް އޮތްތާ ވިސްނާ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރާނެ ކަމެއް.
ފައްޔާޒް އިސްމާޢީލް
ސިވިލް ސާރވިސް މުވައްޒަފުން މަސައްކަތްކުރާ ގަޑި އިތުރުކުރުމަށް މަޝްވަރާކުރަމުން އަންނައިރު، މިއަދު ވަނީ ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައެވެ.
އުޖޫރަ ކަނޑައަޅާފައިވާގޮތް:
– ކުދި ވިޔަފާރިތަށް، 4،500 ރުފިޔާ
– މެދުފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ
– ބޮޑެތި ވިޔަފާރިތަޔަށް 8،000 ރުފިޔާ
– ބަޕްލިކް ސެކްޓަރ އަށް 7،000 ރުފިޔާ
އެންމެ ކުޑަ އުޖޫރަ ގަރާރުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިބަލާއިއެކު ސިވިލްސާވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން 15،000 މީހުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ. އަދި ފަތުރުވެރިކަމުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ އުޖޫރަ ކަނޑައެޅި ކަމުގައިވީނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލެއް ގެނައުމަސް ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށެވެ.
މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ.