ސިވިލް ސާރވިސް މުވައްޒަފުން ސިޔާސީ ހަރަކާތުގައި އުޅުން މަނާކުރީ 2015 ވަނަ އަހަރު ޤާނޫނަށް ގެނައި އިޞްލާހަކުންކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސިވިލް ސާރވިސް މުވައްޒަފުންނަށް ސިޔާސީ ހަރަކާތުގައި ނޫޅެވޭނެގޮތަށް ޤަވާއިދަށް ގެނައި އިޞްލާހާއި ގުޅިގެން ގިނަބައެއް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އުޝާމް ވަނީ ޤާނޫނުގައި ސިވިލް ސާރވިސް މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ނޫޅެވޭގޮތަށް ގެނައި އިޞްލާހުގެ މާއްދާ ޓްވިޓާގައި ހިއްސާކުރައްވާފައެވެ. އެއަށްފަހު އުޝާމް ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ކަންކަމުގައި އުޅުން މަނާކުރީ މިހާރުއެއްނޫންކަމަށެވެ. އެކަމަކީ 2015 ވަނަ އަހަރު ސިވިލް ސަރވިސް ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހްގެ ދަށުން ގެނެވުނު ބަދަލެއްކަމަށާއި، ގަވާއިދު އިސްލާހު ކުރެވޭނީ ގާނޫނު އިސްލާހުކޮށްގެންކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ސިވިލް ސަރވިސް މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ކަންކަމުގައި އުޅުން މަނާކުރީ މިހާރުއެއްނޫން. އެކަމަކީ 2015 ވަނަ އަހަރު ސިވިލް ސަރވިސް ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހްގެ ދަށުން ގެނެވުނު ބަދަލެއް. ގަވާއިދު އިސްލާހު ކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން. https://t.co/1cjPMWjzFn pic.twitter.com/j34wQLercZ
— Ahmed Usham (@a_usham) November 6, 2021
އުޝަމް މިހެން ވިދާޅުވެފައިވާއިރު، ސިވިލް ސާރވިސް ޤަވާއިދަށް އަލަށް ގެނައި އިޞްލާހުގައި ބުނެފައިވާގޮތުގައި މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައިވެސްމަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައިކަމަށް ކަނޑައަޅައި، އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައެވެ.
އަދި ސިވިލް ސާރވިސް މުވައްޒަފެއް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ވަކި ފަރާތަކަށް ޖެހި ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާއިން ވަކިކުރެވޭ ކުށެއްގެ ގޮތުގައިވެސް އައު އިޞްލާހުގައި ކަނޑައަޅައިވެއެވެ. މީގެ އިތުރުން މަގާމު އަދާކުރުމުގައި ނުވަތަ މަގާމުގެ ގޮތުން އެހެން މީހުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރާ ގުޅުވައި ތަފާތުކުުރުން ގެންގުޅުމަކީ ވެސް ވަޒީފާއިން ވަކިކުރެވޭ ކުށެއްްގެ ގޮތުގައިވަނީ ކަނޑައަޅައިފައިވާއިރު، މި ގަވާއިދާއެކު ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގައި އުޅޭ ވަގުތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް މަނާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މި ޤަވާއިދު ހުރަހެއް ނާޅައެވެ.
ސިވިލް ސާރވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅޭނަމަ ވަޒީފާ ގެއްލޭގޮތަށް ޤަވާއިދު އިޞްލާހު ކުރުމުން ބައެއް ފަރާތްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ މިސަރުކާރު އައީ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ބިރުދައްކައި ވަޒީފާއިން ވަކިނުކުރާނެކަމުގެ ވަޢުދާއެކުކަމަށްވާތީކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.