ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކޮޕްސަމިޓަށް ވަޑައިގެން ސޮކޮޓްލޭންޑުގެ ޤާނޫނު ހަދާމޖިލީހުގައި ހުސް ގޮނޑިތަކަކާއި މުޚާތަބުކުރައްވަން ލިބިވަޑައިގަތީވެސް ޤައުމުތަކުގެ ވެރިން ކޮންފަރެންސް ނިންމަވާ ޤައުމަށް ވަޑައިގަތް ފަހުންކަމަށް ވިދާޅުވެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވަނީ ކޮޕް ސަމިޓަށް ގްލާސްގޯއަށް ވަޑައިގެން ސަމިޓުގެ ހަވާސާގައި މެމްބަރުންނަށް ޚާއްސަކޮށްގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ދަންފަޅީގައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު ޤާނޫނު ހަދާ މަޖިލީހުގައި ހާޒިރުވެވަޑައިގެން ތިއްބެވީ ވަރަށް މަދު މެންބަރުންތަކެއްކަމަށް ފޮޓޯއިން ފެނެއެވެ.
އެކަމަށް ފާޑުވިދާޅުވެ މަލީހު ވަނީ ރައްޔިތުންގެ ފައިސާއަށް ޒިންމާދާރުވާ ގޮތަކީ މިއީތޯ ސުވާލުކުރައްވާފައެވެ. ރައީސް ނަޝީދު ގްލާސްގޯއަށް ވަޑައިގަތީރަސްމީ އެޖެންޑާގައި ހިމެނިވަޑައިގެން ނޫންކަމަށް ތުހުމަތުކުރައްވާ މަލީހު ވަނީ ހުސް ގޮނޑިތަކަކާއި މުޚާތަބުކުރައްވަން ލިބިވަޑައިގަތީވެސް ޤައުމުތަކުގެ ވެރިން ކޮންފަރެންސް ނިންމަވާ ޤައުމަށް ވަޑައިގަތް ފަހުންކަމަށް ވިދާޅުވެފައެވެ.
މިއީތޯ ރައްޔިތުންގެ ޓެކްސް ފައިސާއަށް ޒިންމާދާރު ވާގޮތަކީ? ގްލާސްގޯއަށް ވަޑައިގަތީ ރަސްމީ އެޖެންޑާއި ހިމެނިވަޑައިގެނެއް ނޫން. ދަލުބޭރުން ޖެހިވަޑައިގެން. ހުސް ގޮނޑިތަކަކާއި މުޚާތަބުކުރައްވަން ލިބިވަޑައިގަތީވެސް ޤައުމުތަކުގެ ވެރިން ކޮންފަރެންސް ނިންމަވާ ޤައުމަށް ވަޑައިގަތް ފަހުން. pic.twitter.com/wCplzhZ5OG
— Mohamed Maleeh Jamal (@maleehjamal) November 6, 2021
ސްކޮޓްލޭންޑްގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ތިމާވެށީގެ ހިމާޔަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރުވޭނީ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނަށް ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް ޤައުމުތަކުގެ މަޖިލީސްތަކުން ގިނަ މަަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ އެހީތެރިކަން ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ނަޝީދުވަނީ ރާއްޖޭގެ ރަށްތައް ގިރަމުންދާކަން ފާހަގަކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ރާއްޖެ އަޑިއަށްދާތަން ބަލަން ހުންނަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށާއި ގައުމު އަޑިއަށް ދިއުމުގެ ކުރިން ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށެވެ. އަދި އެކަމުގައި އެހެން ގައުމުތަކުގެ އެއްބާރުލުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.