މެޗުތަކުގައި ލަނޑު ނުޖެހޭކަމުގައި ވަނީނަމަ މޮޅުވާން އުނދަގޫވާނެކަމަށް އިންޓަމިލާނުގެ އެންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.
އެންމެފަހުން ސެރިއާގައި ޕާމާ އަތުން އެއްވަރު މެޗަށްފަހު ކޮންޓޭ ބުނީ މިއީ އިންޓަމިލާނުން މޮޅަށް ކުޅެ މެޗުން މޮޅެއް ނުލިބިދިޔަ ފުރަތަމަ މެޗު ނޫންކަމަށާއި މެޗުގެ ތަފާތަކަށްވީ ޕާމާއިން ލިބުނު ފުރުސަތުތަކުގެ ބޭނުންހިފުން ކަމަށެވެ. މެޗަކުން ބަލިވުމާ މިކަހަލަ ނަތީޖާއަކާ ވަކި ތަފާތެއް ނެތްކަމަށް މިދިޔަސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުނެފައިވެއެވެ. އޭނާ ބުނީ މެޗުތަކުން މޮޅުވެވޭނެ ލަނޑުޖަހައިގެން ކަން އެއީ އެންމެވެސް ދަންނަ ހަގީގަތެއް ކަމަށާއި ލަނޑު ނުޖެހޭނަމަ މޮޅުވާން އުނދަގޫވާނެކަމަށެވެ. ގިނަ ފުރުސަތުތަކެއް އިންޓަމިލާނުން ނަގާލިކަމަށާއި މެޗުގައި ލަނޑުޖަހަން ލިބުނު ދެފުރުސަތުގެ ވެސް ބޭނުން ޕާމާއިން ހިފީކަމަށެވެ.
މިހެން ކުޅެގެން ކިހެނެއް މޮޅުވާނީ، މޮޅުވާނީ ލަނޑުޖަހައިގެން، މޮޅަށް ކުޅެ މިހެން ވުމަކީ އާ ކަމެއް ނޫން ލަނޑު ނުޖެހުން މައްސަލައަކީ، އެކަމަށް ހައްލު ހޯދަން ޖެހޭ.
– ކޮންޓޭ
މެޗުގައި އިންޓަމިލާނުން ވަނީ 26 ހަމަލާއެއް ޕާމާގެ ގޯލަށް ފޮނުވާލާފައެވެ. ކޮންޓޭ ބުނީ ލަނޑުނުޖެހުމުގެ މައްސަލައަކީ ކުރިޔަށް ކުޅޭ ކުޅުންތެރިންގެ އެކަނި މައްސަލައެއް ނޫންކަމަށާއި އެއީ މުޅިޓީމުގެ މައްސަލަކަމަށެވެ. ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ޓީމަށް ކުރިޔަށް ހުރި މެޗުތަކުގައި މިޔައްވުރެން ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ގަބޫލުކުރާކަމަށެވެ.
ހުސްވި ސީޒަންގައި ލީގުގެ ދެވަނައިގަ ނިންމާލި ކޯޗު ބުނިއެވެ. ކޮންޓޭ ބުނީ މިދިޔަ ސީޒަނަކޭ ވަކި ތަފާތެއް ނެތްކަމަށާއި އިންޓަމިލާނާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމެއް ވެސް ޑިފެންސްއަށް އިސްކަންދޭކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން އެފަދަ ޓީމުތަކާ ދެކޮޅަށް ކުޅެން އުނދަގޫވާކަމަށް އިންޓަމިލާންގެ ކޯޗު ވަނީ ބުނެފައެވެ.
މެޗުން އިންޓަމިލާން އެއްވަރުވުމުން އެޓީމު ވަނީ ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ.