އަފްއާނިސްތާނުގައި ބޭރު ފައިސާއިން މުއާމަލާތު ކުރުން ތާލިބާން ސަރުކާރުން މަނާ ކޮށްފިއެވެ. އިގްތިސާދީ ގިނަ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިހާރުވެސް އެކީ ފެއިލްވެގެން ދިއުމުގެ ނުރައްކާ ކުރިމަތި ވެފައިވާ އަފްއާނިސްތާނުގައި، ކުއްލިއަކަށް މިގެނައި ބަދަލުގެ ސަބުންވެސް އިތުރަށް އިގްތިސާދު ގަޑުބަޑު ވެގެން ދާނެއެވެ.
އަފްއާނިސްތާނުގައި ބޭރު ފައިސާއިން މުއާމަލާތް ކުރުން މަނާކުރުމަށްފަހު، ސަރުކާރުންވަނީ، މި އެންގުމާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުވެސް ދީފައެވެ.
"ފިހާރަތަކުގެ ސޭޓުންނަށްވެސް، ވިޔަފާރިކުރާ ފަރާތްތަކަށްވެސް، އަދި އާންމު ހުރިހާ ފަރާތަކަށްވެސް، އިސްލާމިކް އެމިރޭޓްސްއިން މި އަންގަނީ ހުރިހާ މުއާމަލާތްތަކެއްވެސް އަފްއާނީސް (އަފްއާނިސްތާނުގެ ފައިސާ) އިން ކުރުމަށް، އަދި ބޭރު ފައިސާ މި މުއާމަލާތްތަކުގެ ބޭނުން ނުކުރުމަށް،" ތާލިބާން ތަރުޖަމާން ޒަބިއުﷲ މުޖާހިދު ނެރުއްވާފައިވާ ބަޔާނާއި ހަވާލާދީ ނިއުސް ޗެނަލްއިން ރިޕޯޓު ކޮށްފައި ވެއެވެ.
"މި ނިންމުމާ ދެކޮޅު ހަދާ ކޮންމެ މީހަކާ ދެކޮޅަށް ގާނުނީ ފިޔަވަޅު އެޅޭނެ،" މި ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
ޓީވީ ޗެނަލްއިން ބުނެފައިވާ ގޮތުގައި އަފްއާނިސްތާނުގެ މާރކެޓްތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދަނީ އެމެރިކާ ޑޮލަރެވެ. އަދި ބޯޑަރު ސަރަހައްދު ތަކުގައި، ޕާކިސްތާންފަދަ ގައުމުތަކާ އެކީ ވިޔާފާރި ކުރުމަށް ގިނައިން ގެންގުޅެމުން އަންނަނީ އެގައުމުތަކުގެ ފައިސާއެވެ.
ފާއިތުވި އޮގަސްޓު މަހުގެ 15ވަނަ ދުވަހު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އަފްއާނިސްތާން ދިއުމާއެކު، އެގައުމުގެ 9.5 ބިލިއަން ޑޮލަރު، އެމެރިކައިންނާއި، ވާރލްޑް ބޭންކުންނާއި އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (IMF) އިން ވަނީ ހިފަހައްޓާފައެވެ.
އަދި އިގްތިސާދީ ހާލަތު ދަށްވެ، އެތައް ހާސްބަޔަކު ހާލުގައިޖެހި، އަފްއާނިސްތާނުގައި އެތައްބަޔަކު ގެދޮރި ނެތިފައިވާއިރު، އިތުރު އެތައް ބަޔަކުވަނީ ގައުމު ދޫކޮށް ހިޖުރަ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ