ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ލެވަންޑޯސްކީގެ ހެޓްރިކާއެކު ބަޔާން މިއުނިކުން ބެންފިކާ އަތުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ބަޔާން މިއުނިކްގެ އަމިއްލަ ދަނޑުގައި މިރޭ ބެންފިކާގެ މައްޗަށް ބަޔާން ކުރިހޯދީ 2-5 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާން މިއުނިކުންނެވެ. މި ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ރޮބަޓް ލެވަންޑޯސްކީއެވެ. އަދި 32 ވަަނަ މިނެޓުގައި ސާޖް ގްނަބްރީ ވަނީ އިތުރު ލަނޑެއް ބަޔާންއަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. ބަޔާނުން 2 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ބެންފިކާއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިން ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މޮރާޓޯއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން 4 ވަނަ މިނެޓުގައި ބަޔާނުން ވަނީ އެޓީމުގެ 3 ވަނަ ލަނޑު ޖަހާ އަނެއްކާވެސް 2 ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭއެވެ. އަދި 61 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ 4 ވަނަ ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ބެންފިކާއިން މި މެޗުގައި ޖެހި 2 ވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޑާވިން ނޫނޭޒްއެވެ. މި މެޗުގައި ލެވަންޑޯސްކީ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 84 ވަނަ މިނެޓުގައެވެ.
މި މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް ހިމެނޭ ގްރޫޕް އީ ގައި މިރޭ ސްޕެއިންގެ ބާސެލޯނާ އާއި ޑައިނަމޯ ކިއޭވް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ. މި މެޗުގައި ބާސެލޯނާ މޮޅުކޮށްދިން ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަންސު ފަޓީއެވެ.
މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް އީ ގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތީ 4 މެޗު ކުޅެގެން ހޯދި 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 4 މެޗުން ލިބުނު 6 ޕޮއިންޓާއެކުއެވެ. އަދި ތިން ވަނައިގައި 4 މެޗުން 4 ޕޮއިންޓް ހޯދައިގެން ބެންފިކާ އޮތްއިރު، ފުލުގައި އޮތީ 4 މެޗުން ލިބުނު 1 ޕޮއިންޓާއެކު ޑައިނަމޯ ކިއޭވްއެވެ.
ކޮމެންޓު ފޮނުވާ