އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކޮރަޕްޓް ތަނެއް ކަމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސަައުދުﷲ އަހުމަދު ވިދާޅު ވެއްޖެއެވެ.
އޭސީސީން ބައެއް މައްސަލަތަކުގައި އަމަލު ކުރަމުންދާ ގޮތާއިމެދު މަޖިލީހުގެ މެމްބަރުންގެވެސް ބޮޑެތި ފާޑުކިތުން ވަނީ އޭސީސީއަށް އަމާޒުވެފައެވެ. ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ ކަމުގައިވާ އެމްއެމްޕީއާރުސީ މައްސަލައިގެ ލިސްޓަށްވީގޮތެއް ނޭގޭއިރު މިމައްސަލަތައްވެސް އޭސީސީއަށް ނުބެލޭކަމަށެވެ. މިކަމުގައި މަޖިލީހުގެ މެމްބަރުންގެ އިތުބާރު ކޮމިޝަންގައި މިހާރު ތިބި މެމްބަރުންނަށް ގެއްލިފައިވާއިރު، ކޮމިޝަނަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭކަމަށް ސައުދު ވިދާޅުވިއެވެ.
މިތަނަކީ ރައްޔިތުން އިތުބާރު ގެއްލިފައިވާ ކޮރަޕްޓް ތަނެއް. މިތަން ހިނގަމުންދަނީ ވައްކަމާއި ކޮރަޕްޝަނަށް ހިތްވަރުދޭ ގޮތަކަށް. މިތާތިބި މެމްބަރުންނަކީ ހިރަފުސް ވެފައިތިބި ނުތާހިރު ބައެއްކަމަށް ރައްޔިތުންގެ މަންދޫބުން އެބަބުދޭ. އެމްއެމްޕީއާރުސީ ދިގު ލިސްޓު އޮތީ ކޮންތަނެއްގައިތޯ؟
– ސައުދު ވިދާޅުވިއެވެ.
މަޖިލީހުގައި ހިމެނޭ ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން، އޭސީސީ އަށް އައްޔަންކުރި މެމްބަރުން ފެއިލްވެއްޖެ ކަމަށާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ގިނަ ތަފްސީލުތައް ވެސް އެ ކޮމިޝަނުން ކަމާބެހޭ ފަރާތްތައް ނުދޭ ކަމަށެވެ. މިދިޔަ އަހަރު ވެސް އޭސީސީން ގިނައިން ބެލީ އިދާރީ މައްސަލަތައް ކަމަށާއި ދައުވާކުރަން ފޮނުވީ ވެސް އެންމެ މައްސަލައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގުމަކަށް ތަބާވާން އޭސީސީން ވަނީ ފާޅުގައި ދެކޮޅު ހަދައިފައިކަމަށެވެ. އެހެންވެ، އެ ކޮމިޝަން މިހާރު ގާނޫނުއަސާސީއާ ޚިލާފްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭސީސީއަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކޮމިޝަންގެ މެމްބަރުން ވަކި ކުރުމަށްވެސް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ވަނީ ގޮވާލާފައެވެ.