ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލާގައި އިތުރު ދަޢުވާތަކާއެކު އަލުން ޕީޖީއަށް ފޮނުވައިފި

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލާގައި އިތުރު ދަޢުވާތަކާއެކު އަލުން ޕީޖީއަށް ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2021 01:42
0

ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާފައިވާ މައްސަލާގައި 11 ފަރާތެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން، ތަޙުޤީޤު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަން ބެލުމަށްފު ދައުވާ ކުރުމަށް ފޮނުވައިފިއެވެ.

އޭސީސީން ވިދާޅުވީ މިމައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވިއިރު، މިމައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދަޢުވާތަކެއް ކޮށްދިނުމަށް އެދިފައިވާނެކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށް އެދިފައިވާނެކަމަށެވެ.

14 އޮކްޓޫބަރު 2020 ގައި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާކަމަށާއި، މިމައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކާ ގުޅުންހުރި ފަރާތަކަށް، މި މައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަޙުޤީޤު ވަކިން ކުރިއަށް ގެންދާގޮތަށް ވަނީ ނިންމާފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންގޮސްފައިވަނީ، އޭސީސީއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.