ޔޫއެންގެ ތިމާވެއްޓާބެހޭ ޚާއްސަ ސަމިޓް، ކޯޕް20، އިގިރޭސިވިލާތުގެ ގްލަސްގޯވްގައި ރަސްމީކޮށް ފެށި، 200 ގައުމުގެ އިސްވެރިންނާއި މަންދޫބުންގެ މެދުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ، ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް ހުރިހާ ގައުމަކަށް އެއްބަސް ވެވޭ ހައްލެއް ހޯދޭތޯ މަޝްވަރާތަށް ފެށިގެން ކުރިޔަށް އެބަ ދެއެވެ.
މިއަދު، ރިޔާސަތުގެ މޭޒުން ސަމިޓް ފެށުނުކަން ރަސްމީކޮށް އިއުލާން ކުރުމާއެކު، ސަމިޓްގައި ބައިވެރިވަޑައިންގަނަވާ އޮފިޝަލުންވަނީ، އުސޫލީ ގިނަ ކަންކަމާ ގުޅޭގޮތުން، ހޯމަދުވަހު ގައުމުތަކު ވެރީންގެ ހުށަހެޅުއްވުންތަކުގެ ކުރިން، މަޝްވަރާ ކޮށްފައެވެ.
ހޯމަދުވަހު، މިސަމިޓުގައި، ގައުމުތަކުގެ ވެރީން، އެބޭފުޅުންގެ ގައުމުތަކުން ޖައްވަށް ދޫކުރަމުންދާ ގްރީންހައުސް ގޭސްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނާއި، އަދި މޫސުމީ ބަދަލުތަކާމެދު އަަމަލު ކުރާނެ ގޮތްތަކާ ގުޅެގޮތުން ހުށަހެޅުއްވުންތައް ހުށަހަޅުއްވާނެއެވެ.
މި ސަމިޓްގައި ކުރިޔަށްދާ މަޝްވަރާ ތަކުގައި، 2015ވަނަ އަހަރު ބޭއްވުނު ޕެރިސް ކްލައިމެޓް އެކޯޑަށް ފަހުގައި ދުނިޔޭގެ ގައުމުތަކަށް އެއްގަލަކަށް ނޭރިފައިވާ ތިމާވެށިގެ މައްސަތަކާއިމެދު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރެވިގެން ދާނެއެވެ.
މިގޮތުން، ދުނިޔޭގެ ހޫނުމިން، މި ގަރުނުގައި 1.5 ޑިގްރީ ސެލްޝިއަސްއަށްވުރެ އިތުރުވެގެން ދިޔަނުދިނުމަށް ހުރިހާ ގައުމަކަށް އެއްބަސް ވެވޭނޭ މަގެއް ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ.
ދުނިޔޭގެ ސައިންސްވެރިން މިހާރު ވިދާޅުވަމުން ގެންދަވަނީ، މީގެ 6 އަހަރު ކުރިން ފްރާންސްގެ ވެރިރަށް ޕެރިހުގައި އެއްބްސްވެފައިވާ ލަޑުދަޑިތަކާ ހަމައަށް ވާސިލްވުމުގެ މަގުތައް މިހާރު ބަންދުވަމުން ދާ ކަމުގައެވެ.
އިންޑަސްޓރިިއަލް މަސައްކަތްތައް ދުނިޔެއަށް އާންމުވާން ފެށި ދުވަސްވަރާއި އަޅާ ބަލާއިރު މިހާރު ދުނިޔޭގެ ހޫނިމިން 1.1C އަށް މަތިވެގެން ގޮސްފައިވާއިރު، މިހާރުގެ އަންދާޒާތަކުން ދައްކަނީ، މިހާރު ޖައްވަށް ދޫވަމުންދާ ގެދަބުޅި އެކުލެވޭ ދުމުގެ މިންވަރު ކުރިޔަށް އޮތް 10 އަހަރުތެރޭ މަދުކުރުމަށް ކަޑައަޅާފައިވާ މިންވަރާ އެކުވެސް، 2100 އަންނަންވާއިރަށް ދުނިޔޭގެ ހޫނުމިން 2.7C އަށް މަތިވެގެން ދާނެ ކަމަށެވެ.
މިގޮތުން މި ދަރަޖައަށް ދުނިޔޭ ހޫނުވެގެން ހިގައްޖެނަމަ، ދުނިޔޭ ގަޑުފެންތައް ވިރި، ކަނޑުގެ ލޮނުގަޑު އުފުލި، މޫސުމީގޮތުން އާދަޔާ ޚިލާފު ބޮޑެތި ބަދަލުތައް އަންނާނޭ ކަމުގެ އިންޒާރު ސައިންސްވެރިން ދަނީ ދެމުންނެވެ.
އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް ހޯމަދުވަހު، ދުނިޔޭގެ ގައުމުތަކުގެ ވެރީންނަށް، ގްލާސްގޯވްގައި ކޯޕް26 ސަމިޓަށް މަރުހަވާ ވިދާޅުވާނެއެވެ. އެހެންނަމަވެސް، 95 އަހަރުގެ، އޭނާގެ މަންމާފުޅު، ކުއީން އެލިޒަބަތު II މި ސަމިޓަށް ކުރިން ވަޑައިގަންނަވަން ނިންމެވިނަމަވެސް، އާލާސްކަންފުޅު ހުރިގޮތުން، ގޭގައި އަރާމު ކުރައްވަން ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން ސަމިޓަށް ވަޑައިގެންނެވޭ ގޮތް ވަނީ ނުވެފައެވެ.
ކޮމެންޓު ފޮނުވާ