ޔުނައިޓެޑުން ޓޮޓެންހަމް ބަލިކޮށް، ކޯޗު ސޯލްޝެއާ ހަމަޖެހިލައިފި

ޔުނައިޓެޑުން ޓޮޓެންހަމް ބަލިކޮށް، ކޯޗު ސޯލްޝެއާ ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕަރ ފަސޭހަކަމާއެކު ބަލިކޮށް ޕްރެޝަރުގައި ހުރި މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ހަމަޖެހިލައިފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު، ޔުނައިޓެޑް ކޯޗު އޮލެ ގުނަ ސޯލްޝެއާއަށް ވަނީ ގިނަ ޕްރެޝަރުތަކެއް ކުރިމަތިވެފައެވެ. އެގޮތުން ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމާއި ގުޅިގެން މަގާމުން ވަކިކުރުމާއި ގާތަށް ޖެހިލިއެވެ. ނަމަވެސް ޔުނައިޓެޑުގެ ބޯޑުން އެންމެ ފަހުން ނިންމީ ސޯލްޝެއާއަށް އަދިވެސް އިތުރު ނަތީޖާތައް ރަނގަޅު ކުރުމަށް ވަގުތު ދިނުމަށެވެ. އޭގެ ތެރެއިން ލީގުގައި މިރޭ ޓޮޓެންހަމް އަތުން މޮޅުވި މެޗާއި، ޗެމްޕިއަންސް ލީގުގައި ކުރިޔަށް އޮތް އެޓްލަންޓާ މެޗުގެ އިތުރުން ލީގުގައި ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރުމަށް ސޯލްޝެއާ ވަނީ ފުރުޞަތު ދީފައެވެ.

ޓޮޓެންހަމާއި ޔުނައިޓެޑް މިރޭ ބައްދަލުކުރި މެޗަށް ސޯލްޝެއާގެ ޔުނައިޓެޑުން ނެރުނު ފުރަތަމަ 11 އަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ލީގުގެ ގިނަ މެޗުތަކުގައި ފުރަތަމަ 11 އިން ފުރުޞަތު ދެމުން އައި ރަޝްފޯޑް އާއި ގްރީންވުޑް މިރޭގެ މެޗުގައި އިނީ ބެންޗުގައެވެ.

މި މެޗުގައި ޔުނައިޓެޑަށް ގޯލު ހުޅުވާލަދިން ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑާއެކު 0-1 އިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. އެޓީމުން މި މެޗުގައި ޖެހި ދެވަނަ ލަނޑު 64 ވަނަ މިނެޓުގައި ރޮނާލްޑޯގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އަދި ތިންވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، ރަޝްފޯޑްއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ހޯދި 17 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ 5 ވަނައިގައެވެ. މި މެޗުން ބަލިވި ޓޮޓެންހަމް އޮތީ 10 މެޗުން ލިބުނު 15 ޕޮއިންޓާއެކު 8 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *