މެއި 6 ހަމަލާ: އަލީ މަނިކާއި، ތަސްލީމުގެ ބަންދަށް 5 ދުވަސް

މެއި 6 ހަމަލާ: އަލީ މަނިކާއި، ތަސްލީމުގެ ބަންދަށް 5 ދުވަސް

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2021 12:57
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ބަންދަށް އިތުރު 5 ދުވަސް ދީފިއެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޝަރީއަތް ނިމެންދެން ދެ މީހުން ވެސް ބަންދު ކުރަން އެދިވަޑައިގެންފައެވެ. ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މުޖުތަމައަށް ނުރައްކާވާނެ ކަމަށް ބެލެވޭތީއާއި، ބަންދު ކުރެވޭ ވަރަށް ހެކި ހުށަހަޅުއްވާފައި އޮތުމުންނެވެ. މިދެމީހުން ވަކީލުންނަށް އެދުމުން އެފުރުސަތު ދިނުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.

މިއަދުގެ އަޑު އެހުމުގައި މިދެމީހުންވެސް ވަނީ އެމީހުންގެ ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅާފައެވެ. އއަލީ މަނިކު ބުނެފައިވަނީ އޭނާ މިވީ 5 މަސް ދުވަހު ޖަލުގައި ގެންގުޅެފައިވަނީ ބޭއިންސާފުންކަމަށެވެ. ޖަލުގައި އޮތް އިރު އާއިލާ މީހުންނާއި، އަނބިދަރިންނާއިވެސް ދިމާ ނުވާކަމަށެވެ. މިމައްސަލާގައި ތަސްލީމު ބުނެފައިވަނީ އޭނާ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއި އެކުގައިކަމަށެވެ.

މިދެމީހުންގެ ވާހަކަތަކަށް ބެލުމަށްފަހު ގާޒީ އަލީ އާދަމް ވަނީ އެމީހުން ފަސް ދުވަހު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މިމީހުންނަށް ދީފައިވާ ފަސް ދުވަހުގެ މުއްދަތުގައި ވަކީލަކު ހަމަ ނުޖެއްސިއްޖެނަމަ ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ބަންދާމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މި ދެ މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.