ހޯޑެއްދޫ ކުޅި ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރަނީ

ހޯޑެއްދޫ ކުޅި ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރަނީ

Author
ހުސެއިން
27 އޮކްޓޯބަރ 2021 08:50
0

ގދ. ހޯޑެއްދޫ ހުޅަނގު އުތުރުން އޮންނަ ކުޅިތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އެތަނަކީ އިޖުތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން ބޭނުންހިފޭ މުހިންމު ތަނެއްގެ ގޮތުގައި، ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށް ހޯޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާއި ދެމެދު ސޮއިކޮށްފިއެވެ.

މިއީ ކުޅިތަކާއި، ގޮނޑޮށް އަދި މޫދުގެ ރީތި ގުދުރަތީ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތަކަށް، ބޭނުންކޮށް، އާއިލާތަކަށް ހިންހަމަޖައްސާލަން ދެވޭ ހިއްފަސޭހަ މައިދާންތަކަށް ބަދަލުކުރުމަށް ހޯޑެއްދޫ ކައުންސިލުން ވެފައިވާ ވައުދާއި އެއްގޮތަށް ކައުންސިލްއާއި ހުވަދޫ އެއިޑްއާއި ގުޅިގެން ހިންގޭ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން، ކުޅީގެ ނެތެމުންދާ ގުދުރަތީ ރީތިކަން އާލާކުރުމާއި، ތައުލީމީ، ދިރާސާކުރުމާއި، ހިއްފަސޭހަ މައިޒާނެއްގެ ގޮތުގައި ކުޅިތައް ބޭނުންކުރުމަށް، ކުޅިތަކުގެތެރެއަށް ވަދެ ނިކުމެ އުޅެވޭހެން ބޯޑްވޯކް ހެދުމާއި މަޑުކޮށްލައިގެން ތިބޭނެ ޕްލެޓްފޯމުތަކެއް ގާއިމްކުރެވޭނެއެވެ.

ތިން އަހަރުގެ މުއްދަތަށް ހިންގޭ މިމަޝްރޫއު ނިމޭއިރު 3،889،570.00 ދިވެހި ރުފިޔާ ޚަރަދުވާނެއެވެ. މިމަޝްރޫއަކީ ހޯޑެއްދޫ ކައުންސިލުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް ހުވަދޫއެއިޑް އިން އެކިފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ. މިމަޝްރޫއުގައި ހިމެނޭ މުހިންމު ބައިތައް ތިރީގައި މިވަނީއެވެ.

1،392 ފޫޓު ދިގުމިނުގެ ބޯޑްވޯކާއި 11 ވިޔުއިން ޕްލެޓްފޯމްސް ކައުންސިލް އިން ފާސްކޮށްފައިވާ ކުރެހުމައި އެއްގޮތަށް ތަރައްގީކޮށް އެސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހުޅުވާލުން
އެކި މީޓިން، އަދި ހަފްލާތައް ބޭއްވޭގޮތަށް ނޭޗަރ ޕާކް ޓަވަރ ގާއިމްކުރުން
3 ކެނޯ އަދި 3 ޕެޑަލް ބޯޓް ބައްވައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނޭޗަރ ޕާކް ސަރަހައްދު ބައްޓަން ކުރުން
ކުޅިތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ ދާއިރާއިން 2 ތަމްރީނު ޕްރޮގްރާމް، ރަށުގެ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި އާންމުފަރުދުންނަށް އަމާޒުކޮށް ހިންގުން
މަޝްރޫއު ހިންގާ ސަރަހައްދު އާރޯކޮށް، ގަސް މަރުވެފައިވާ ސަރަހައްދުގެ 90 އިންސައްތަ ފެހިކުރުން. މިގޮތުން ކުޅީގައި ހެދޭ އެކިވައްތަރުގެ ގަސް ހިމެނޭހެން 2000 ގަސް އިންދައި އެސަރަހައްދު ސާފުކޮށް ޗަކަ ނަގަންޖެހޭ ސަރަހައްދުތަކުގެ ޗަކަ ނެގުން
ކުޅިތަކުގެ މުހިންމުކަމާއި ގުޅޭގޮތުން ރައްޔަތުން ހޭލުންތެރިކުރުން
ކުޅި ހިމަޔަތްކޮށް ބެލެހެއްޓުން ރަށުތަރައްގީގެ ޕްލޭންގައި ހިމެނުމާއި އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދައި ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިވެދިނުން

މިއަދު ސޮއި ކުރި އެމް.އޯ.ޔޫ ގެ ދަށުން ހޯޑެއްދޫ ނެޗަރ ޕާކް ޕްލޭންގައިވާ ގޮތައް އެތަން ތަރައްގީ ކުރުމަށް 3 އަހަރާއި އެކު އިތުރު 5 އަހަރުވަންދެން އެތަން ހިންގައި ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ.

އަދި  ހޯޑެއްދޫ ނޭޗަރ ޕާކް މެނޭޖްމެންޓް ޕްލޭނާއި އެއްގޮތަށް އެތަން ހިންގުމަށް 7 މެންބަރުންގެ މައްޗަށް އެކުލެވޭ "ހޯޑެއްދޫ ނޭޗަރ ޕާކް މެނޭޖްމެންޓް ކޮމިޓީ" އުފައްދައި، އެކޮމިޓީގެ ލަފާއި އިރުޝާދުގެ ދަށުން ނޭޗަރ ޕާކް ހިންގުމުގެ އެންމެހާ ކަންކަން ތަރުތީބުކޮށް ބަލަހައްޓަނީ ހުވަދޫ އެއިޑުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.