ސޫދާންގެ އަސްކަރިއްޔާއިން ގެނައި ބަޢާވާތެއްގައި، އެގައުމުގައި އޮތް މަދަނީ ސަރުކާރު ވައްޓާލާފައިވާތީ، މަދަނީ ސަރުކާރު އަބުރާ ވެރިކަމަށް ރުޖޫޢަ ކުރެވެންދެން، އެފްރިކާގެ ގައުމުތަކުގެ އެކުވެރި ގުޅުމުގެ ޖަމިއްޔާ (އެފްރިކަން ޔޫނިއަން)އިން ސޫދާން ސަސަޕެންޑް ކޮށްފިއެވެ.
އެފްރިކަން ޔޫނިއަންއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އާ ރިޔާސީ އިންތިޚާބަކާ ހަމައަށް ދެވެންދެން އެގައުމުގައި އެކުލަވާލާފަ އޮތް އިންތިގާލީ ސަރުކާރު އަބުރާ އިއާދަ ކުރެވެންދެން މި ފިޔަވަޅުތައް ދެމި އޮންނާނެ ކަމުގައެވެ.
އެފްރިކަން ޔޫނިއަންއިން ސޫދާން ސަސްޕެންޑް ކޮށްފައިވަނީ، އެގައުމަށް ގެނެވުނު ބަޢާވާތާއި ދެކޮޅު ހެދުމުގެ ގޮތުން، ސޫދާންގެ އެންމެ ބޮޑު އިދިކޮޅު ކޯލިޝަން ކަމުގައިވާ "ދަ ފޯސެސް އޮފް ފްރީޑަމް އެންޑް ޗެލެންޖް އެލަޔަންސް"ގެ ގޮވާލުމަށް ސޫދާންގައި މަދަނީ ބަސް ނޭހުމުގެ ހަރަކާތެއް ފެށިގެން ކުރިޔަށް ދަމުންދާ ދަޑިވަޅެއްގައެވެ. މި މަދަނީ ބަސް ނޭހުމުގައި ސޫދާންގެ ސްޓޭޓް އޮއިލް ކޮމްޕެނީގެ މުވައްޒިފުންނާއި ޑޮކްޓަރުންވެސް ދަނީ ބައިވެރި ވަމުންނެވެ.
ސޫދާންގެ އަސްކަރީ ޖެނެރަލް އަބުދުލް ފައްތާހު އަލް ބުރުހާން ވަނީ މިހަފްތާގެ ހޯމަދުވަހު މުޅި ސޫދާންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެގައުމުގައި އޮތް އިންތިގާލީ ސަރުކާރުވަނީ އުވާލާފައެވެ. އަދި އޭނާވަނީ އަސްކަރިއްޔާއާއި މަދަނީ ފަރާތްތައް ގުޅިގެން ވެރިކަމުގެ ބާރުތައް ހިއްސާކޮށް، އާންމު އިންތިޚާބަކާ ހަމައަށް ދެވެންދެން އުފައްދާފަ އޮތް ސޮވެރިންގ ކައުންސިލްވެސް އުވާލާފަ ވާކަން އިއުލާން ކޮށްފައެވެ.
ސޫދާންގައި ދިގު ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި އުމަރު ބަޝީރު ވެރިކަމުން ދުރު ކުރެވުމަށްފަހު އެގައުމުގެ އަސްކަރިއްޔާއާއި އަދި މަދަނީ ސަރުކާރުން ވެރިކަމުގެ ބާރުތައް ހިއްސާ ކުރަމުން އައިނަމަވެސް، ޚިޔާލުތަފާތުވެ، ފާއިތިވެދިޔަ މަހުވެސް ވަނީ ނާކާމިޔާބު ބަޢާވާތެއް އެގައުމަށް ގެންނަން މަސައްކަތް ކޮށްފައެވެ.
އަލް ބަޝީރު މަގާމުން ދުރު ކޮށްފައިވަނީ، 2019ވަނަ އަހަރު އޭނާއާ ދެކޮޅަށް އެގައުމުގައި ހިގައިދިޔަ ބޮޑެތި މުޒާހިރާތަކަށް ފަހުއެވެ. އެއަށްފަހު، އެގައުމުގައި އެކުލަވާލެވުނު ސަރުކާރުން ވަނީ 2023ގައި އިންތިޚާބެއް ބޭއްވެންދެން އިންތިގާލީ އިންތިޒާމްތަކެއްގެ ދަށުން ވެރިކަމުގެ ބާރުތައް ހިއްސާ ކުރުމަށް އެއްބަސް ވެފައެވެ.
ބަޢާވާތް ގެނައިތާ 2 ދުވަސްފަހުން ސޫދާންގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން، އަލް ބުރުހާން ވިދާޅުވީ ބޮޑުވަޒީރު ހަމްދޮކްގެ ސަރުކާރު ވެރިކަމުން ދުރުކުރުމަށް ނިންމީ އެގައުމުގައި ދާޚިލީ ހަގުރާމައެއް ފެށިގެންދިޔަ ނުދިނުމަށްޓަކައެވެ. އަދި އޭނާ ވަނީ، އެގުއުމުގެ ސިޔާސީ ފަރާތްތަކުން އަސްކަރިއްޔާއައި ދެކޮޅު ހަރަކާތްތައް ހިންގަމުން ދާކަމަށް ތުހުމަތު ކުރައްވާފައެވެ.
"މަދަނީ ސަރުކާރަކާ ވެރިކަން ހަވާލު ކުރުމުގެ އިންތިގާލީ އިންތިޒާމްތައް ހަމަޖެހިގެން ދާތަން އަހަރުމެންނަށް ފެނިގެންދާނެ،" އަލް ބުރުހާން ވިދާޅުވެފައި ވެއެވެ.
"ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި، ޝަރުއީދާއިރާގެ މުހިންމު ގުނަވަންތައް ގާއިމް ކުރެވިގެން ދާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ