ރައީސް ނަޝީދުގެ ރައްދެއް: މިތާ މި އިންނަނީ "ގޮޑިކޮއްކޮ" އަކަށް ވެގެންނޫން!

ރައީސް ނަޝީދުގެ ރައްދެއް: މިތާ މި އިންނަނީ "ގޮޑިކޮއްކޮ" އަކަށް ވެގެންނޫން!

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 12:52
0

މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނެވީ އެއްވެސް ބަޔަކު ބޭނުންވާހާ ކަމެއް ކުރަން "ގޮޑިކޮއްކޮ" އަކަށް ވެގެން ނޫންކަމަށް ވިދާޅުވެ މަޖިލިސް ރައީސް ނަޝީދުގެ ނުސީދާ ރައްދެއް އަނެއްކާވެސް ސަރުކާރަށް ދެއްވައިފިއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކޮމިޓީން އެކުލަވާލި ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދަށް އަމާޒުކޮށް އިދިކޮޅު ބައެއް މެމްބަރުން ދެއްކެވި ވާހަތަކުގައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ގޮތުގައި އެ ގޮޑީގައި އިންނެވީ އެއްވެސްބައެއްގެ "ގޮޑިކޮއްކޮ" އަކަށް ވެގެން ނޫންކަމަށެވެ.

އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން، އަޅުގަނޑު މިގޮޑީގައި މިތާ މިއިނީ "ގޮޑިކޮއްކޮ" އަކަށް ވެގެންނޫން.

– މަޖިލިސް ރައީސް ނަޝީދު

އެމަނިކުފާނު މަސައްކަތް ކުރައްވަނީ މިނިވަންކަމާއި އެކުގައިކަމަށާއި، އެކަމަށް ހުރަސް އެޅޭނެ އެއްވެސް މީހަކު ނެތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ވެންޓިލޭޓަރުގެ މައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައިވެސް ސަރުކާރުން ދެކޭ ގޮތެއް މިހާތަނަށް ހާމަކޮށްފައި ނުވާކަމަށެވެ. މިކަމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް އޮތް މިންވަރު އެގެންޖެހޭކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިމައްސަލާގައި މަޖިލީހުގެ މެމްބަރުންގެ ބައިވެރިވުންވެސް އޮތްކަމަށް މިހާރު ހީވާން ފަށާފައިވާކަމަށެވެ. މި ޝައްކުތަކުން އެއްކިބާވުމަށް މެމްބަރުންގެ އެކައުންޓްތައް ހާމަކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ. އާދަމް ޝަރީފްގެ ވާހަކަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މިއަދު އާދަމް ޝަރީފަށް މަޖިލިސް ރައީސްގެ ބެންކް އެކައުންޓްތަކުގެ ތަފްސީލް ދެއްވާނެކަމަށެވެ. އަދި އެހެން މެމްބަރުންގެވެސް އެކައުންޓުތައް އާދަމް ޝަރީފާއި ހިއްސާކޮށް މިކަމުން މެމްބަރުން ސާފުކޮށް ތިބިކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭކަމަށެވެ.

މިއަދު މަޖިލީހުގައި ރައީސް ނަޝީދު މިފަދަ ގޮތަކަށް ވާހަކަ ދެއްކެވި އިރު މީގެ ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މިސަރުކާރަކީ އެމަނިކުފާނުގެ ބައިވެރިވުމެއް އޮތް ސަރުކާރެއް ނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.