ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ބަހަނާ ދައްކާ ސަބަބެއް ނުފެނޭ: ނަޝީދު

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ބަހަނާ ދައްކާ ސަބަބެއް ނުފެނޭ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 12:33
0

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރާ ޕީޖީ ހުސެއިން ޝަމީމް ބަހަނާ ދައްކަވާ އެއްވެސް ސަބަބެއް ފެނިވަޑައި ނުގަންވާކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން އޭރުގެ ހާލަތަށް ބަލައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގިކަމަށްބުނާ ހިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގުކޮށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާފައި ވަނިކޮށް އެ އޮފީހުން އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް އެ އޮފީހަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓުގެ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރިޕޯޓަށް މެމްބަރުން ކުރެއްވި ބަހުސްގެ ތެރެއިން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިމައްސަލާގައި ކޮޅެއްގައި ޖެހެންދެން މަޖިލީހުން މަސައްކަތް ކުރާނެކަމަށެވެ.

އަޅުގަނޑުމެން މިމަސައްކަތް ކުރަނީ މިފައިސާ ދައުލަތަށް ހޯދަން. އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ މި މައްސަލަގައި ދައުވާ ނުކުރަން އުޅޭ ސަބަބެއް. ދެން މާތް ރަސްކަލާންގެ ދެވޮޑިގެންވަނީ މިމައްސަލާގައި ދައުވާ ނުކުރަން ޕީޖީ އުޅުއްވާ ސަބަބެއް.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ޕީޖީއަށާއި، ތަހުގީގީ އިދާރާތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިމައްސަލާގައި ޝާމިލުވަނީ ހަމައެކަނި ހެލްތު މިނިސްޓްރީ ނޫންކަމަށާއި، މިައްސަލާގައި ފިނޭންސް މިނިސްޓްރީގެ ދައުރުވެސް ބޮޑުކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާނުކުރަން ނިންމީ ޖިނައީ ދައުވާއެއް އުފުލޭވަރާއި ގާތަށްވެސް ހެކި އޭސީސީއަށް ހުށަހެޅިފައި ނެތުމުން މިމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބު ހަމާކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ ޤާނޫނާއި ޚިލާފް ކޮންމެ ކަމަކީ ކޮރަޕްޝަނަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް ވަކި މަންފާއެއް އެކަމުގައި އެކުލެވޭނަމަ އެކަމެއް ކޮރަޕްޝަނަށް ވާނެކަމަށެވެ. ޕީޖީ ވިދާޅުވީ އެއޮފީހުން މަސައްކަތް ކުރަނީ އިދާރީ ގޮތުން މިކަމުގައި އަމަލުކޮށްފައިވާ މީހުން އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް ނޫންކަމަށެވެ. އެއޮފީހުގެ ޒިންމާއަކީ ޖިނާއީ ގޮތުން މިމައްސަލާގައި ދައުވާ ކުރެވޭނެ ހާލަތެއް އޮތްތޯ ބެލުންކަމަށެވެ. ނަމަވެސް އޭސީސީން ފޮނުވާފައިވާ ތަހުގީގަށް ބަލައި މިމައްސަލާގައި ދަޢުވާ ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.