ކ.ތުލުސްދޫގައި ރަހުމުކުޑަ ގޮތަކަށް އެ ރަށު ބީޖިއުފާ އަލީ ޝިހާމް މަރާލިކަމަށް ތުހުމަތު ކުރެވޭ މުހައްމަދު ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ތާއިދުކޮށްފިއެވެ.
ޝިހާމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރު އެވެ. ނިޔާޒްގެ ފަރާތުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފެއް ނުކުރެއެވެ. އެ ހުކުމް ނިޔާޒްގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
މިއަދު ހައި ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ވަނީ ތަހުގީގުގައްޔާއި ދަށު ކޯޓުގެ ޝަރީއަތުގައިވެސް ނިޔާޒު ކުށަށް އިއުތިރާފުވެފައިވާ ކަން ފާހަގަކުރައްވާފައެވެ. ޝިހާމަށް ހަމަލާދިން ގޮތާއި ހަމަލާދިން ސަބަބު ނިޔާޒު ކިޔައިދީފަވާއިރު ނިޔާޒުގެ އިއުތިރާފަށް މައްސަލާގައި ހުށަހަޅާފައިވާ އިތުރު ހެކިތަކުން ބާރުލިބޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން، ނިޔާޒް ޝިހާމަށް ހަމަލާދިނީ މެރުމުގެ ގަސްތުގައި ނޫންކަމަށް އޭނާ ބުނި ނަމަވެސް، ހަމަލާދިނުމަށް ބޭނުންކުރީ ތޫނު ހަތިޔާރެއް ކަމުގައިވާތީ އެ ކަމުން އެއީ މެރުމުގެ ގަސްތު އޮވެގެން ހިންގި އަމަލެއްކަން ސާބިތުވާކަމަށާއި، އޭނާ އެކަން ކުރީ ގަސްތުގައިކަން ނަފީކުރާނެ ހެއްކެއް ޝަރީޢަތަށް ފެނިފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ނިޔާޒް ވަނީ ޝިހާމަށް ވަޅިން ހަމަލާ ދިން ކަމާއި، ހަމަލާ ދިނުމަށްފަހު އޭނާގެ ހަށިގަނޑު ދޫކޮށްލައިފައި އެނބުރި ގެއަށް އައި ކަމާއި، ހަަމަލާދިން ސަބަބާއި، ހަމަލާދިން ގޮތްވެސް ތަހުގީގުގައި ކިޔާދީފައެވެ. އަދި ޝިހާމް މަރުވެފައި ވަނީ ނިޔާޒްގެ މި އަމަލުކަން އޭނާ އެއްބަސްވެއެވެ. މި މައްސަލަ ބެއްލަވާފައިވަނީ، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުހައްމަދު ނިޔާޒު، އަދި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ.