ސޫދާންގެ ބޮޑުވަޒީރު ހުންނެވީ "އަހަރެންގެ ގޭގައި" ކަމުގައި، ސޫދާންގައި އޮތް މަދަނީ ސަރުކާރު ވެރިކަމުން ދުރުކޮށް، ސޫދާނަށް އަސްކަރީ ބަޢާވާތެއް ގެނެވުނުތާ އެއް ދުވަސް ފަހުން، ބަޢާވާތުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޖެނެރަލް ވިދާޅު ވެއްޖެއެވެ.
"އާދެ، އަހަރެމެން ވަޒީރުންނާއި ސިޔާސީ އިސްފަރާތްތައް ހައްޔަރު ކޮށްފިން، އެހެންނަމަވެސް، ހުރިހާ އެންމެނެއް ނޫން،" ސޫދާންގެ ވެރިރަށް ޚަރުތޫމްގައި އޮތް ނޫސްވެރިންގެ ބައްދަލު ވުމެއްގައި، އަބުދުލް ފައްތާހު އަލް ބުރުހާން ވިދާޅުވެފައި ވެއެވެ.
އަދި އޭނާ ވިދާޅުވީ، މިހާރު ހައްޔަރު ކުރެވިފައިވާ ބޮޑުވަޒީރު އަބުދުﷲ ހަމްދޮކް ހުންނެވި ހެޔޮ ހާލުކޮޅުގައި ކަމަށާއި، އަދި މިހާރު ސޫދާނުގައި އޮތް ކާރިސާއަށް ނިމުން އައިހާ އަވަހަކަށް އޭނާ ގެއަށް ދޫކޮށްލެވޭނެ ކަމުގައެވެ.
އަލް ބުރުހާން ވިދާޅުވީ ބޮޑުވަޒީރު ހަމްދޮކްގެ ސަރުކާރު ވެރިކަމުން ދުރުކުރުމަށް ނިންމީ އެގައުމުގައި ދާޚިލީ ހަގުރާމައެއް ފެށިގެންދިޔަ ނުދިނުމަށްޓަކައެވެ. އަދި އޭނާ ވަނީ، އެގުއުމުގެ ސިޔާސީ ފަރާތްތަކުން އަސްކަރިއްޔާއައި ދެކޮޅު ހަރަކާތްތައް ހިންގަމުން ދާކަމަށް ތުހުމަތު ކުރައްވާފައެވެ.
"މަދަނީ ސަރުކާރަކާ ވެރިކަން ހަވާލު ކުރުމުގެ އިންތިގާލީ އިންތިޒާމްތައް ހަމަޖެހިގެން ދާތަން އަހަރުމެންނަށް ފެނިގެންދާނެ،" އަލް ބުރުހާން ވިދާޅުވެފައި ވެއެވެ.
"ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި، ޝަރުއީދާއިރާގެ މުހިންމު ގުނަވަންތައް ގާއިމް ކުރެވިގެން ދާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ