މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތައި ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 38 މައްސަލަ ނިމިފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އޭސީސީގެ މަސައްކަތްތައާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކައިބެހޭ ކޮމެޓީގައި ދަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާ ކުރެވުނު މައްސަލަތަކާއި ބަލަމުންދާ މައްސަލަތަކުގެ ތަފްސީލަކަށް އެދިފައެވެ.
މީކާއިލްގެ ސުވާލާއި ގުޅިގެން އޭސިސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މިމައްސަލައަކީ ކޮމިޝަނުން ތަހުގީގް ކުރާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. މިމައްސަލާއި ކޮންމެ ކޭސްއަކަށް ހޭދަކުރަންޖެހޭ ވަގުތުވެސް އެހެން މައްސަލަތަކާއި މާބޮޑަށްވެސް ތަފާތުކަމަށެވެ. އެމްއެމްޕީއާރުސީ މައްސަލާގައި 338 މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަނުން ތަހުގީގް ކުރަމުންދާއިރު މިހާތަނަށް 38 މައްސަލަ ތަހުގީގް ކޮށް ނިމިފައިވާކަމަށެވެ.
ޝިއުނާ ވިދާޅުވީ މިމައްސައިގެ ކޮންމެ ކޭސްއަކަށް މަދުވެގެން 8 މަސް ދުވަސް ހޭދަވާކަމަށެވެ. މިމަސައްކަތް ބޭނުންވާ ސްޕީޑުގައި ކުރުމަށް މިހާރު އޮތް ދައްޗަކީ އިންވެސްޓިގޭޓިވް އޮފިސަރުންގެ ދަތިކަން ކަމަށެވެ. މިކަމުގައި ފިނޭންސް މިނިސްޓްރީގައި އިތުރު 12 އޮފިސަރަކު ހޯދުމަށް ދަންނަވާފައިވާކަމަށާއި، މިމުވައްޒިފުން ލިބުމުން ކޮމިޝަނުން ބޭނުންވާ ސްޕީޑުގައި މިމައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ މިމައްސަލައަކީ ވަކިވަކި މީހުންނާއި، އެސެޓްތަކާއިވެސް ގުޅިފައިވާ ބޮޑު ޚިޔާނާތަކަށްވާއިރު މިމައްސަލަ ތަހީގީގު ކުރުމުގައި ކޮމިޝާނުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާކަމަށެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ. ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.