ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދީގެން މިނޫނީ ރައްޔިތުން ދެކެ ރުޅި އަންނަ ސަރުކާރެއް ނުދެކޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމަށް ހިންގި ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީން އަގު ކަނޑައެޅުމުގައި ގަސްތުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ކަމަށެވެ.
ރައްޔިތުންނަށް ޚިދުމަތް ކުރަން އައި ސަރުކާރެއްތޯ މިއަދު ސުވާލު އުފެދޭ. ބޯހިޔާ ވަހިކަން ފޯރުކޮށް ދިނީމާ ރުޅިގަދަވެގެން އުޅޭ ސަރުކާރެއް މިނޫނީ ނުދެކެން. ރައީސް ޔާމީން މިނިވަން ކުރަން ގޮވަމުންދަނީ އެމަނިކުފާނު ޚިދުމަތްތަކެއް ކުރީމާ. މާލޭ ރައްޔިތުން މުއިއްޒު މާލޭގެ މޭޔަރުކަމަށް ބޮޑު އައުލަބިއްޔަތަކުން، ބޮޑު ތަފާތަކުން ހޮވާފައިވަނީ މާލޭ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާފައިވާތީ. މިކަމުގައި ރައްޔިތުން ކުށްވެރި ކުރާކަށް ނުޖެހޭ. އަދިވެސް 2 އަހަރު އެބައޮތް، ބޯހިޔާ ވަހިކަން ވިއްކައިގެން އައީ.
– ޝިޔާމް ވިދާޅުވިއެވެ.
މިސަރުކާރަށް ވޯޓުދީ ވެރިކަން ހަވާލުކުރީ ރައްޔިތުން ވަރަށްބޮޑު އުންމީދުގައި ކަމަށާއި، ނަމަވެސް ވެރިކަން ލިބި މިވީ 3 އަހަރު ބޯހިޔާ ވަހިކަމަށް ގާކޮޅެއްވެސް ނުބޭއްވުނުކަމީ ރައްޔިތުންގެ އިތުބާރު މިސަރުކާރަށް ގެއްލުނު އެންމެ ބޮޑު ސަބަބުކަމުގައެވެ.
ޝިޔާމް ވިދާޅުވީ މާލޭގެ ރައްޔިތުން ރައީސް ޔަމީނާއި، އެމަނިކުފާނުގެ ސަރުކާރުން ތަރައްޤީ ގެނެސްދެއްވި ކަމަށްޓަކައި ޝުކުރު ވެރިވާކަމަށެވެ. ބޯހިޔާވަހިކަމަށް ފަލެޓް އަޅައިދީ ތަން ހަވާލުކުރަން ހަވާލު ކުރުމުންވެސް އެކަން ކުރަން ނޭގުނު ބަޔަކަށް ކުރެވޭނެ އެހެން ކަމެއް ނެތްކަމެވެ. ސަރުކާރުން މިހާރުވެސް ކުރަމުންދާ ކަމަކީ ވެރިން ބޮޑެތި ފައުޖު ހަދާފައި ރައްޔިތުންގެ މާލިއްޔާއިން މިލިޔަނުން ހޭދަކޮށްގެން ބޭތު ދަތުރު ކުރުންކަމަށެވެ. މިކަމުން ހޭދަވާ ފައިސާތަކަކީ ރައްޔިތުންގެ މަލީ އެތައް ކަމަކަށް ހޭދަ ކުރަން ހުރި ފައިސާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ހިޔާ ފެލްޓުތަކުގެ ކުލި ބޮޑުވެގެން ރައްޔިތުން ޝަކުވާކުރަމުން އަންނަނިކޮށް، އެކަމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓުގައި ކުރީ ސަރުކާރުން ކަނޑައެޅި އަގަކީ ގޯސް ހިސާބެއްކަން ހާމަވެފައިވާ ކަމަށެވެ.
މި ސަރުކާރުން ކަނޑައެޅި އަގު ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުން އައިއިރު، ގޯސް ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް، ގަސްތުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ނުތަނަވަސްކަން އުފައްދަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
ފަލާހް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނީ ހިޔާ ފްލެޓު މަޝްރޫއު ހިންގާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަން ވެސް އޮޑިޓު ރިޕޯޓުން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.