އިސްލާމް ދީނުގައި ދެޖިންސުގެ ގުޅުން ދެމެހެއްޓުމަށް ވަނީ އިންތަކައި މިންތައް ކަނޑައަޅުއްވާފައި

ޒިނޭއަކީ ޝަރުޢީ ޒިނޭ! ޤާނޫނީ ޒިނޭ އޮވޭތަ؟

ޒިނޭއަކީ ޝަރުޢީ ޒިނޭ! ޤާނޫނީ ޒިނޭ އޮވޭތަ؟

މީހުންގެ އަބުރާ ކަރާމަތާއި ނަސްލު ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ އެންމެ މަތީދަރަޖައިގައި ހިމެނޭ މަޤްޞަދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެންމެ މަތީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ. ފަހެ މިހެންވެ އިސްލާމްދީނުގައި ޒިނޭއަކީ ކީރިތި ޤުރްއާނުގެ ނައްޞުންނާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެކެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 32 މާނައީ: ” އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. “

އިސްވެދިޔަ މޫރިތި އާޔަތުގައި "ޒިނޭއާއި ގާތްވެސް ނުވާށޭ" އެންގެވުމުން އެކަމުގެ ބޮޑުކަމާއި، ޒިނޭ އާއި އޭގެ ވަށައިގެންވާ އެކަމަށް މަގުފަހިކުރުވާ ކަންކަމުން ވެސް ސަމާލުވެ ދުރުގައި ތިބެންޖެހޭކަން މިއާޔަތުން އެނގެއެވެ. ޖިންސީ ޝަހުވަތްތެރިކަމަކީ އިންސާނުންގެ ކިބައިގައި ﷲ ލައްވަވާފައިވާ ޣަރީޒާއެކެވެ. މިޣަރީޒާ އޭގެ ޙަލާލުގޮތުގައި ހޯދައި އުފަލާ ހިތްހަމަ ޖެހުން ލިބިގަތުމަށް ﷲ ކަނޑައެޅުއްވި މަގަކީ ކޮންމެ މުސްލިމް މުޖުތަމަޢުއަކުންވެސް ބަލައިގަންނަންޖެހޭ ގޮތެވެ. އާދެ! ޝަރުޢީ ކައިވެނީގެ މުޤައްދަސް ގުޅުމެވެ. ފަހެ މިގުޅުމުން ބޭރުން ޒިނޭއަށް އަރައިގަތުމީ ﷲ ކަނޑައަޅުއްވާފައިވާ އިމުން ބޭރުވެގަތުމެވެ.

ﷲ ގެ އިމުން ބޭރަށް ދާ މީހާއަށް އަދަބު ކަނޑައެޅުއްވީ ﷲ ތަޢާލާއެވެ. އަންނަނިވި އާޔަތްތައް ކިޔުއްވާށެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴿٢﴾ النور 2 މާނައީ: ” ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ! " މުޙުޞަނަކު ނަމަ ރަޖަމްކުރުންކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވެއެވެ.

ޝަރީޢަތުގައި ޒިނޭއަކީ ކޮބާ؟

”އަންހެނެއްކަން ރަނގަޅަށް އެނގޭ އަންހެނެއްގެ ކުރިމަތިފަރާތަށް، ނުވަތަ ފަރުޖުގެ ބަދަލުގައި ހުރި (އަޑި) ތަނަކަށް، ފިރިހެނެއްކަން ރަނގަޅަށް އެނގޭ ތަކްލީފު ލިބިފައިވާ ފިރިހެނަކު، އޭނާއާއި ގުޅިފައިވާ އޭނާގެ އަޞްލީ ޛަކަރުގެ ޙަޝަފާ (ޚިތާނުކުރީމާ ޛަކަރުން ފާޅުވާ ހިސާބު) ނުވަތަ ބުރިވެފައިވާނަމަ، އެހުރި މިންވަރެއް ވެއްދުމެވެ. “

ޝަރީޢަތުގައި ޒިނޭ ސާބިތުކުރަނީ ކިހިނެއް؟

ޒިނޭ ސާބިތުކުރަނީ 3 ގޮތަކަށެވެ. އެއްގޮތަކީ 4 ހެކިން އައިސް ހެކިބަސް ދިނުމެވެ. ދެވަނަ ގޮތަކީ ޒިނޭކުރި މީހަކު އަމިއްލައަށް އިޤްރާރްވުމެވެ. ތިންވަނަ ގޮތަކީ ބަނޑުބޮޑުވުމެވެ. ދަލީލަކީ ޢުމަރުގެފާނުންގެ ކިބައިން ރިވާވެގެންވާ އަންނަނިވި އަސަރެެވެ. عن عمر رضي الله عنه قال " والرجم في كتاب الله حق على من زنى إذا أحصن من الرجال والنساء إذا قامت البينة أو الحبل أو الاعتراف." رواه البخاري ومسلم އެކަލޭގެފާނު ވިދާޅުވިއެވެ. "އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ޒިނޭކުރީ މުޙުޞަނަކު ނަމަ، ﷲ ގެ ފޮތުގައި ވަނީ ރަޖަމް (ގެއަދަބެވެ.) އެވެ. އެއީ އެކަމަށް ހެކި ލިބިއްޖެނަމަ (ޔަޢުނީ 4 ފިރިހެނުންގެ ހެކިބަސް)، ނުވަތަ ބަނޑުބޮޑު ވެއްޖެނަމަ، ނުވަތަ އިޢުތިރާފުވިނަމައެވެ."

ފަހެ ޢުމަރުގެފާނު މިހެން ވިދާޅުވީ އެތައް ޞަޙާބީންނެއްގެ ކުރިފުޅުމަތީގައެވެ. އަދި އެއްވެސް ޞަޙާބީ ބޭކަލެއް އެކަލޭގެފާނުންގެ މިބަސްފުޅަށް އިންކާރުކުރެއްވިކަން އެނގޭކަށް ނެތެވެ. މިއަސަރު ރިވާކުރައްވާފައިވަނީ ބުޚާރީ މުސްލިމް އެވެ. ނަމަވެސް ކައިވެނިން ބޭރުން ބަނޑުބޮޑުވާ އަންހެނުންގެ ގައިގައި ޙައްދުޖެހޭނީ، އަންހެން މީހާ، މަޤްބޫލު ޢުޛުރެއް ނުދައްކާ ޙާލަތުގައި އެވެ. އެއީ މިސާލަކަށް އޭނާ ރޭޕްކުރެވުން، ނުވަތަ އެހެންވެސް އުޛުރެކެވެ. އޭނާ ޒިނޭއިން ބަރީއަވެގެންވާކަމަށް މަޤްބޫލު އުޛުރެއް އޮތްނަމަ އޭނާގެ ގައިގައި ޙައްދެއް ނުޖެހޭނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ކައިވެނިން ބޭރުން ބަނޑުބޮޑުވުމުން ދަރިފަނި ނިސްބަތްވާ ފިރިހެންމީހާ ހޯދާބެލުން ދީނުގައި އޮވޭތަ؟

މީގެ ޖަވާބުގައި ދެންނެވެން އޮތީ އެގޮތަށް ހޯދާބަލަން ބާރުއަޅާފައިވާ ޞައްޙަ އެއްވެސް ނައްޞެއް ފެންނަން ނެތްކަމެވެ. ޒިނޭ އަކީ ވީހާވެސް ބޮޑަށް ފޮރުވުމަށް އިސްލާމްދީން ބާރުއަޅާކަމެކެވެ. މިޖަރީމާ ހިންގުނު މީހަކަށް ވެސް އޮތީ 4 ހެކި ނެތްޙާލަތުގައި މިކަން އަމިއްލައަށް ސިއްރުކޮށް ﷲ އަށް ތައުބާވުމެވެ. އަދި ޒިނޭ ސާބިތުކުރަން އިސްލާމްދީނުގައި އުނދަގޫ ކުރައްވާފައިވަނީ ވެސް މީސްތަކުން އެއްބަޔަކު އަނެއްބަޔެއްގެ އަބުރަށް އަރައިގަތުން ހުއްޓުވައި، މީހުންގެ ބޮލުގައި ފަސޭހަކަމާއެކު ޒިނޭގެ ތުހުމަތު އެޅުވުން ހުއްޓުވުމަށްޓަކައެވެ.

އަދި ޒިނޭ ސާބިތުވެ ޙައްދު ޖެހިއްޖެ ނަމަ، ދަރި ނިސްބަތްވާނީ އަންހެންމީހާ އަށް އެކަންޏެވެ. އިސްލާމްދީނުގައި ދަރިފަނި ނިސްބަތްވާ ފިރިހެންމީހާއަށް، ކައިވެނިން ބޭރުން ލިބޭ ދަރިން ނިސްބަތް ނުކުރެވެނީ ވެސް، ޒިނޭ އާއި ކައިވެނި ތަފާތު ކުރެއްވުމަށްޓަކައެވެ. އަދި ޒިޏޭގެ ނުބައިކަމާ ސުންޕާކަން މީސްތަކުންނަށް ވިސްނުވައި ދިނުމަށްޓަކައެެވެ. ވީއިރު މިކަމަކީ އިތުރަށް ޑީ.އެން.އޭ ފަދަ އެއްޗެތި ބޭނުންކޮށްގެން އިތުރު ކަންކަން ހޯދަން ޖެހޭ ކަމެއް ނޫނެވެ.

ޑީ.އެން.އޭ އަކީ ވަރުގަދަ ޤަރީނާއެކެވެ. އަދި އެއިން ދަރިފަނި ނިސްބަތްވާ ފިރިމީހާ ހޯދިދާނެއެވެ. ނަމަވެސް ޝަރުޢީ ގޮތުން ބަފައެއް ކަމުގައި ނުވާ މީހަކު، އެއީ ބަފަޔަކަށް ޑީ.އެން.އޭ އިން ހޯދިޔަސް ހަމަ ހިލާނުވާނެކަން ދަންނާށެވެ! ޒިނޭ އާއި ކައިވެނީގެ ފަރަޤުނެތް މުޖުތަމަޢުތަކުގައި ޒިނޭއިން ބަފާ ލެއްވިޔަސް އިސްލާމީ މުޖުތަމަޢެއްގައި އެފަދަ ކަމެއް ނުކުރެވޭނެއެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ބަސްފުޅު އޮތީ މަންމަ އަށް ދަރި ނިސްބަތްކުރުމަށް އެކަނި ކަމުގައި ވުމެވެ.

މިކަމަށް އޮތް ޙައްލަކީ ކޮބާ؟

ޙައްލަކީ ޒިނޭ ނުކުރުމެވެ. ޒިނޭއާއި ގާތްނުވުމެވެ. އަދި އެކަން ކޮށްފިނަމަ، ތިމާއަށް ލިބޭނޭ އަދަބާ ޢަޛާބުގެ އިތުރުން ތިމާގެ ދަރިފުޅުގެ ބައްޕަ ވެސް ނުހުންނާނެކަން ދެނެގަތުމެވެ. އަދި މިކަމުގެ ބޮޑުކަން ހިތަށް ގެނެސް މިޢަމަލަށް އަރައި ނުގަތުމެވެ.

ޤާނޫނީ ޒިނޭ އޮވޭތަ؟

ޤާނޫނީ ޒިނޭކިޔާ އެއްޗަކީ އޮންނަ އެއްޗެއް ނޫނެވެ. އެހެނީ ޒިނޭއަކަށް ވާނީ ކުރިންވެސް ދެންނެވިފަދައިން ޖިމާޢުވުމެއް ހިނގައިގެންނެވެ. އެކަން ސާބިތުވާންޖެހޭނީ ޝަރުޢުގައި އެކަން ސާބިތުވާން އޮތް 3 ގޮތުންކުރެއް ގޮތަކުންނެވެ. އެނޫންނަމަ، ޙައްދެއް ސާބިތުކުރުމުގައި އިތުރު ގޮތްތަކެއް އަލަށް ތަޢާރަފް ކުރެވުނީއެވެ. އެއީ ގޯހެކެވެ. މާތް ﷲ ޙައްދުތައް ކަނޑައަޅުއްވާފައިވަނީ ޙައްދުތަކަކީ ކޮބައިކަމާ، އޭގެ އަދަބުތަކާއި، އެ ސާބިތުވާނެ ގޮތްތަކާއި، މި އެންމެހާ ތަފްޞީލަކާ އެކުއެވެ. ވީއިރު އެއަށް އުނި އިތުުރު ގެނައުމަކީ އަޅުގަނޑުމެން ކޮށްގެންވާނޭ ކަމެއް ނޫނެވެ.

"ޒިނޭ" ސާބިތުވެޔޭ ކިޔާފައި، ތަޢުޒީރީ އަދަބެއް ދެވޭނަމަ، އަސްލު ޙަޤީޤަތުގައި އެއީ ބޮޑުއޮޅުވާލުމެކެވެ. ސަބަބަކީ ޒިނޭއަކަށް ތަޢުޒީރީ އަދަބެއް ޝަރުޢުގައި ނޯތުމެވެ. މިހެން މިކަން ކުރަން ފުރުސަތު ފަހިވެއްޖެނަމަ، މާދަމާ ޝަރުޢީ ޤަޛުފާ، ޤާނޫނީ ޤަޛުފާ، ޝަރުޢީ ޤަތުލާ ޤާނޫނީ ޤަތުލާ، އިސްލާމް ދީނާ، ޤާނޫނީ އިސްލާމްދީން ކިޔާއެއްޗެއް އުފެދުމަކީވެސް ދުރުކަމެއް ނޫނެވެ. މިހެން ވުމުން ދެން ތަންފީޒުވާ އެއްޗަކީ އެއްކަލަ އަމިއްލައަށް އުފެއްދި ޤާނޫނީ ނިޒާމުވެ، އިސްލާމްދީނުގެ ޙުކުމްތައް އެކީ ތަޢުޠީލު ކޮށްލެވެނީއެވެ.

މިއީ ވަރަށް ބޮޑު ނުބައެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *