ކުރިއަށް އޮތް ތަނުގައި ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއާއިއެކު މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް ރައީސް ޔާމީނާއިއެކު މަސައްކަތް ނުކުރާނެކަމަށް އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީ ރަޖިސްޓްރީ ކުރުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، އެމްއެންޕީން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަށް ކަމަށެވެ. ރައީސް ޔަމީނާއިއެކު މަސައްކަތް ނުކުރާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުމާއި ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ އެއީ އަމިއްލަ ޒަމީރު ގަބޫލު ކުރާ ގޮތްކަމަށެވެ. ނާޒިމް އެންމެ ބޮޑު ތުހުމަތެއް ކުރައްވަނީ ރައީސް ޔާމީން ރައީސް ކަމުގައި ހުންނަވައި އަމިއްލަފުޅު އެކައުންޓަށް 100 މިލިޔަން ރުފިޔާ ޖަމާވި މައްސަލައެވެ. އޭނާ ވިދާޅުވީ ސަފުކޮށް ފެންނަ އޮތް މިފަދަ ތުހުމަތެއް ކުރެވޭ ބޭފުޅަކާއިއެކު ސިޔާސީ މަސައްކަތެއް ކުރެވޭނެކަމަށް އަމިއްލަ ޒަމީރު ގަބޫލު ނުކުރާކަމަށެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނެ އުސޫލު ނިންމާނީ ޕާޓީގައި މަޝްވަރާކޮށް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ރައީސް ޔާމީނާއެކު މަސައްކަތް ނުކުރައްވަން ނިންމެވީ އަމިއްލަފުޅަށް ކުރެއްވުނު އެތައް ތަޖުރިބާތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އެ ހުރިހާ ވާހަކަތައް މިވަގުތު ތަފްސީލުކޮށްދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނީ ރައީސް ޔާމީނާއި އެކުގައިކަމަށެވެ. ނަމަވެސް ޕީޕީއެމްއާއިއެކު މަސައްކަތް ކުރެވޭނެކަމަށެވެ. އެދައި އެފަދަ މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ޕީޕީއެމާއެކު އަޅުގަނޑު މަސައްކަތް ކުރާނަން. އެކަމަކު ރައީސް ޔާމީނާއެކު އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް. މެންބަރުންނާއެކު މަސައްކަތް ކުރެވޭނެ، އެކަމަކު ރައީސް ޔާމީނާއެކު އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އެހެން ނަމަވެސް އަޅުގަނޑު ޕާޓީއާއެކު މަޝްވަރާކުރާނަން.
– ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީ ރަޖިސްޓްރީ ކޮށްފައިވަނީ މިއަދުއެވެ. އެޕާޓީގެ ވިސްނުން ހުރީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށެވެ. އަދި މިއަހަރު 10،00 މެމްބަރުން ހަމަ ކުރުމަކީވެސް އެޕާޓީގެ އަމާޒެކެވެ.
ކޮމެންޓު ފޮނުވާ