ސޫދާންގެ އަސްކަރިއްޔާއިން ބަޢާވާތެއް ގެނެސް، ބަޑުވަޒީރާއި ކެބިނެޓްގެ ގިނަ ވަޒީރުން ހައްޔަރުކޮށް، ސޫދާންގެ މަދަނީ ސަރުކާރު އުވާލައިފިއެވެ.
އަދި ބަޢާވާތުގެ ވެރިއަކަށްހުރި އަސްކަރީ ލީޑަރު، އަދި މިހާތަނަށް ސޫދާންގެ ވެރިކަން ކުރާ ކައުންސިލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖެނެރަލް އަބުދުލް ފައްތާހު އަލް ބުރުހާން ވަނީ ސޫދާންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެގައުމުގައި އޮތް އިންތިގާލީ ސަރުކާރު އުވާލާ އަދި ބާރުތައް ހިއްސާ ކުރުމަށް އުފައްދާފަ އޮތް ސޮވެރިންގ ކައުންސިލްވެސް އުވާލާފައިވާކަން އިއުލާން ކޮށްފައެވެ.
ސޫދާންގައި ދިގު ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި އުމަރު ބަޝީރު ވެރިކަމުން ދުރު ކުރެވުމަށްފަހު އެގައުމުގެ އަސްކަރިއްޔާއާއި އަދި މަދަނީ ސަރުކާރުން ވެރިކަމުގެ ބާރުތައް ހިއްސާ ކުރަމުން އައިނަމަވެސް، ޚިޔާލުތަފާތުވެ، ފާއިތިވެދިޔަ މަހުވެސް ވަނީ ނާކާމިޔާބު ބަޢާވާތެއް އެގައުމަށް ގެންނަން މަސައްކަތް ކޮށްފައެވެ.
އަލް ބަޝީރު މަގާމުން ދުރު ކޮށްފައިވަނީ، 2019ވަނަ އަހަރު އޭނާއާ ދެކޮޅަށް އެގައުމުގައި ހިގައިދިޔަ ބޮޑެތި މުޒާހިރާތަކަށް ފަހުއެވެ. އެއަށްފަހު، އެގައުމުގައި އެކުލަވާލެވުނު ސަރުކާރުން ވަނީ 2023ގައި އިންތިޚާބެއް ބޭއްވެންދެން އިންތިގާލީ އިންތިޒާމްތަކެއްގެ ދަށުން ވެރިކަމުގެ ބާރުތައް ހިއްސާ ކުރުމަށް އެއްބަސް ވެފައެވެ.