ސޫދާންގެ އަސްކަރިއްޔާއިން އެގައުމުގެ ބޮޑުވަޒީރު ހަމްދޮކު ގޭގައި ބަންދުކޮށް، ކެބިނެޓްގެ ބައެއް ވަޒީރުން ހައްޔަރު ކޮށްފިއެވެ.
ދުބާއީގެ ބޮރޯޑްކާސްޓަރއެއް ކަމުގައިވާ ހަދަތު ޓީވީއިން ރިޕޯޓު ކޮށްފައިވަ ގޮތުގައި، ހޯމަ ދުވަހުގެ ހެދުނުގެ ވަގުތެއްގައި، އަސްކަރިއްޔާގެ ފައުޖަކުންވަނޫ، ގޮޑުވަޒީރުގެ ގެ ވަށާލުމަށްފަހު އޭނާ ގޭގައި ބަންދު ކޮށްފައެވެ. އަދި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަސްކަރިއްޔާއިން ހައްޔރު ކޮށްފައިވާ ކެބިނެޓް ވަޒީރުންގެ ތެރޭގައި، އިންޑަސްޓްރީ މިނިސްޓަރ އިބުރާހިމް އަލް ޝެއިޚް އާއި، އިންފޮމޭޝަން މިނިސްޓަރ ހަމްޒާ ބަލޫލްގެ އިތުރުން ބޮޑުވަޒީރުގެ މީޑިއާ އެޑްވައިޒަރ ފައިސަލް މުހައްމަދު ސާލިހުވެސް ހިމެނެއެވެ.
އަދި މީގެއިތުރުން ސޫދާންގެ ރޫލިން ސިވެރިންގ ކައުންސިލްގެ ތަރުޖަމާން މުހައްމަދު އަލް ފިކީ ސުލައިމާން އާއި ސޫދާންގެ ވެރިރަށް ކަރުތޫމްގެ ގަވަރުނަރު އައިމަން ޚާލިދުވެސް އަސްކަރިއްޔާއިން ހައްޔރު ކޮށްފައިވާ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެސޯސިއޭޓް ޕްރެސްއިން ރިޕޯޓު ކޮށްފައިވާ ގޮތުން ސޫދާންގެ ބޮޑުވަޒީރާއި އަދި ކެބިނެޓް ވަޒީރުން ހައްޔަރު ކޮށްފައިވާކަން އެގައުމުގެ އޮފިޝަލުންވަނީ ޔަގީން ކޮށްދީފައެވެ.
ސޫދާންގައި ދިގު ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި އުމަރު ބަޝީރު ވެރިކަމުން ދުރު ކުރެވުމަށްފަހު އެގައުމަށް އެގައުމުގެ އަސްކަރިއްޔާއާއި އަދި މަދަނީ ސަރުކާރުން ވެރިކަމުގެ ބާރުތައް ހިއްސާ ކުރަމުން އައިނަމަވެސް، ޚިޔާލުތަފާތުވެ، ފާއިތިވެދިޔަ މަހުވެސް ވަނީ ނާކާމިޔާބު ބަޢާވާތެއް އެގައުމަށް ގެންނަން މަސައްކަތް ކޮށްފައެވެ.
އަލް ބަޝީރު މަގާމުން ދުރު ކޮށްފައިވަނީ، 2019ވަނަ އަހަރު އޭނާއާ ދެކޮޅަށް އެގައުމުގައި ހިގައިދިޔަ ބޮޑެތި މުޒާހިރާތަކަށް ފަހުއެވެ. އެއަށްފަހު، އެގައުމުގައި އެކުލަވާލެވުނު ސަރުކާރުން ވަނީ 2023ގައި އިންތިޚާބެއް ބޭއްވެންދެން އިންތިގާލީ އިންތިޒާމްތަކެއްގެ ދަށުން ވެރިކަމުގެ ބާރުތައް ހިއްސާ ކުރުމަށް އެއްބަސް ވެފައެވެ.