އިނގިރޭސި ޕްރިމިއާ ލީގުގައި މުހައްމަދު ސަލާހްގެ ހެޓްރިކާއެކު ލިވަޕޫލުން މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ފަސް ލަނޑު ޖަހައިފިއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަސޭހަކަމާއެކު ލިވަޕޫލުން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ނަބީ ކެއިޓާއެވެ. ފުރަތަމަ ލަނޑު ޖެހިތާ 8 މިނެޓު ފަހުން ލިވަޕޫލްގެ ޑިއެގޯ ޖޮޓާ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖޮޓާ ޖެހީ އާނޯލްޑް އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން 4 ލަނޑު ޔުނައިޓެޑް ކޮޅަށް ޖެހިއިރު، 3 ވަނަ ލަނޑު އެޓީމުން ޖެހީ 38 ވަނަ މިނެޓުގައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސަލާހްއެވެ. ސަލާހް ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 0-4 އަކަށް ބަދަލުކޮށް، ޔުނައިޓެޑް ސިއްސުވާލާފައެެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން 50 ވަނަ މިނެޓުގައި ސަލާހް މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ލަނޑާއެކު ސަލާހު ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ. އަދި މި ލަނޑާއެކު ސަލާހް ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުުގައި ޔުނައިޓެޑްގެ ދަނޑުގައި ހެޓްރިކް ފުރިހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. މީގެ އިތުރުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕައުލް ޕޮގްބާއަށް 60 ވަަނަ މިނެޓުގައި ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުން ޔުނައިޓެޑަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފައެވެ. ރެފްރީ ޕޮގްބާއަށް ސީދާ ރަތް ކާޑެއް ދެއްކީ ލިވަޕޫލްގެ ކެއިޓާއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.
މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ތާވަލުގެ ދެވަނައަށް އަލުން ޖެހިލާފައެވެ. އެގޮތުން ލިވަޕޫލުން ވަނީ 9 މެޗުން 21 ޕޮއިންޓް ލިބިފައެެވެ. އެއްވަނައިގައި އޮތް ޗެލްސީއަށް 9 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 9 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.