ފޮރިން ސަރވިސްގެ ބިލު ކޮމެޓީން ފާސްކޮށް، ތަޅުމަށް

ފޮރިން ސަރވިސްގެ ބިލު ކޮމެޓީން ފާސްކޮށް، ތަޅުމަށް

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2021 06:09
0

ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކުރަން "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް"ގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. އެ ބިލު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ، މިބިލުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޛުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށައަޅާފައިވާ މި ބިލުގެ އިބްތިދާޢީ ބަހުސްގައި މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިވެވަޑައިގެން ބިލުގެ މުހިއްމުކަންވަނީ ފާހަގަކުރައްވާފައެވެ.

ބިލުގައިވާގޮތުން، ބިލު ޤާނޫނަކަށްވެ، ޢަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް"ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ. އެ ޚިދުމަތް ނުވަތަ ފޮރިން ސަރވިސް އެކުލެވިގެންވާނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ. ޤާނޫނާއެކު އުފެދޭ ފޮރިން ސަރވިސްގެ މަޤުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމުކުރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުން ހިމެނެއެވެ.

ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން މުސްކުޅި ކުރާ މުވައްޒަފުންނަށް މާލީ އިނާޔަތްތައް ދޭން ވާނީ، ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރާ މީހަކީ އެ މިނިސްޓްރީގައި މަދުވެގެން 10 އަަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ބިލްގައިވެ އެވެ. ބިލްގައި ކުރިން އޮތީ އެ މުއްދަތު 15 އަަހަރު ކަމުގައި ހިމަނާފައެވެ.

އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުޞަތުތައް ދެނެގަނެ، ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއެރުވޭނެ ގޮތްތައް ހޯދައި ބަލައި، އެކަންކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި އެހީތެރިވެދިނުންވެސް ހިމެނެއެވެ. މި ބިލު ޤާނޫނަކަށްވުމުން ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. އެގޮތުން ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ފޮރިން ސެކްރެޓަރީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. ފޮރިން ސެކްރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބިލުގައިވާ ގޮތުން ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން ޢައްޔަންކުރެވިދާނެއެވެ. ނަމަވެސް ފޮރިން ސަރވިސްއިން ބޭރުން ޢައްޔަންކޮށްފައި ތިބޭ ސަފީރުން، ވެރިކަން ބަދަލުވާ ޙާލަތެއްގައި، ސަފީރުކަމުގެ ވަޒީފާއިން އިސްތިޢުފާދޭންޖެހެއެވެ. މީގެ އިތުރުން ސަފީރަކީ ފޮރިން ސަރވިސްގެ މުވައްޒަފެއްނަމަ، އެ ސަފީރަކު މި ޤާނޫނުގައިވާ ގޮތަށް އިސްތިޢުފާދިންކަމުގައި ވީނަމަވެސް ނުވަތަ އަނބުރާ ގެނައި ނަމަވެސް، ފޮރިން ސަރވިސްގައި އެ ފަރާތުން ފުރަމުންދިޔަ މަޤާމުން ވަކިވީ ކަމުގައެއް ނުބެލެވޭނެކަމަށް މި ބިލުގައިވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަގޭ
ފާޑުގެބިލްތައްް ހުށަހަޅައިގެންް ރައްޔިތުންް ފލާނެކަމެއްނެތްް ރައްޔިތުންނަށްް ފައިދާކުރާނެެ ރަނގަޅުު ކަންކަމަށްް ޚަރަދުކުރޭޯ މިހާރުވެސްް ސަރުކާރުންް ޚަރަދުކޮށްބަލަހައްޓާާ ކާރުތަކަވޭންތަކާާ ޖިޕްތަކާާ ބަސްތައްވެސްް އެތައްސަކައަށްް އަރާނެެ މިކުޑަކުޑަަ ޤައުމަށްް ކޮންހާބޭކާރުު ހޭދައެއްތަަ ތިއެއްވުރެމާއުފާކުރާނެެ ތިފައިސާއިންް މިރާއްޖޭގެެ ކުނިއުކާދިނަސްް ރައްޔިތެކަށްް ލުޔެއްލިބޭނެެ ކަމެއްނުކޮށްް ދައުރުބޭކާރުކޮށްލާާ ވެރިއެއްގެެ ރަތްް މެޑަލިި ހޯދަނީތަަ ތިމަސައްކަތްކުރަނީީ