އދ.ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެރަށު މީހުން ތުހުމަތުގެ އިނގިލި ދިއްކުރި ދެ ޒުވާނުން ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދެ މީހުން ދޫކޮށްލީ މަހްމޫދުގެ މަރާ ގުޅިގެން އެމީހުންގެ ބައިވެރިވުމެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މަހްމޫދުގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުން އެންމެ ފުރަތަމަ ތުހުމަތު ކުރީ އެ ރަށަށް ގޮސްގެން އުޅޭ އއ. ތޮއްޑޫ ދެ މީހަކަށެވެ. އެކަމަކު ފުލުހުން ފަހުން ބުނެފައި ވަނީ އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. އެމީހުން ދަނގެތިން ހައްޔަރުކޮށްގެން ފަހުން ވަނީ މަހިނބަދޫއަށް ގެންގޮސްފައެވެ. މަހުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ ރަށުގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވައެވެ. ވަރަށް ބޮޑެތި ޒަހަމުތައްވެސް ދީފައި ހުއްޓެވެ.
މަހުމޫދުގެ ހަށިގަނޑު ވަޅަށް ވައްޓާލާފައި އޮތީ އަތާއި ފައި ބަނުމަށްފަހު ގޯންޏަކަށް ލުމަށް ފަހުއެވެ. ދަނގެތި ރައްޔިތުން އެ ދެ މީހުންނަށް ތުހުމަތު ކުރީ އެމީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި މާރާމާރީ އާއި ވައްކަން ކުރުން ފަދަ ކުށްތަކުގެ ރިކޯޑު އޮންނަ ދެ މީހުންނަށްވުމުންނެވެ.
ފުލުހުންގެ ހިމާޔަތުގައި އެ މީހުން އެ އަތޮޅު މަހިބަދުއަށް ގެންގޮސް، ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި އެ މީހުން ހައްޔަރު ކުރިއެވެ. ދެ ޒުވާނުން ދޫކޮށްލި ނަމަވެސް ދަނގެއްޗަށް އެ މީހުން ގޮސްފައެއް ނުވެއެވެ. މަހްމޫދުގެ މަރާ ގުޅިގެން ބަންގްލަދޭޝް ފިރިހެނަކު އެ ރަށުން ހައްޔަރުކޮށް އެމީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. މިމައްސަލައިގެ ތަހްގީގަށް އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބުނުކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.