އެއާޕޯޓްގެ ސީއީއޯ ވަށައިގެން އެތައްހާސް ޑޮލަރުގެ ބިދޭސީން ނަގަނީ ދިވެހިން ނުވެގެންތޯ: ސައީދު

އެއާޕޯޓްގެ ސީއީއޯ ވަށައިގެން އެތައްހާސް ޑޮލަރުގެ ބިދޭސީން ނަގަނީ ދިވެހިން ނުވެގެންތޯ: ސައީދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ހަމަޖައްސައި އޭނަގެ ވަށައިގެން އެތައް ހާސް ޑޮލަރުގެ ބިދޭސީން ނަގަނީ ދިވެހެން ނުވެގެންތޯ އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ސުވާލު އުފައްދައިފިއެވެ.

ސައީދު މިހެން ވިދާޅުވީ ރާއްޖޭގައި ލިބެންހުރި ވަޒީފާތަކަށް، ދެއަތް އުރާލައިނުތިބެ ޒުވާނުން ނިކުތުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލެއްވުމާއި ގުޅިގެންނެވެ. ސައީދު ވިދާޅުވީ އެއާޕޯޓުގައި ވަޒީފާ އަދާކުރަމުންދާ މުސާރަ ބޮޑު ބިދޭސީންނަށް އެކަނި ބަލައިލުމުންވެސް ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހާލަތު ސާފުވާކަމަށެވެ. ސީއީއޯގެ މުސާރައަށް 500،000 ރުފިޔާ ލިބޭއިރު އޭނަގެ ވަށައިގެން އެތައް ހާސް ޑޮލަރުގެ ބިދޭސީން ނަގަމުންދަނީ ދިވެހިން ނުލިބިގެންތޯ ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.

އެއާޕޯޓްގެ ސީއީއޯ އަށް 500،000 ރުފިޔާގެ ބިދޭސީއަކު ބަހައްޓާފަ، އޭނަގެ ވަށައިގެން އެތައްހާސް ޑޮލަރުގެ ބިދޭސީން ތި ނަގަނީ ދިވެހިން ނުލިބިގެންތޯ؟

– ސައީދު ރައީސާއި ސުވާލު ކުރެއްވިއެވެ.

ޒުވާނުންގެ ދުވަހުގެ މުސާސަބަތުގައި ކުޅުދުފުށި ސިޓީގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ޒުވާނުންގެ ދުވަސް ކުރިމަލާފައިވަނީ ޒުވާނުންގެ ކަންމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައިކަމަށާއި، ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީން ހޯދައިދިނުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދުވެސް، ދެއަތް އުރާލައިގެން ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އުޅޭކަމަށާއި، އޭގެ ބޭނުން ހިފައި ގިނަ ބިދޭސީންތަކެއް ރާއްޖޭގައި ވަޒީފާ އަދާ ކުރަމުންދާކަމަށެވެ.

މިއީ އަޅުގަނޑުމެންގެ ޒުވާނުން މިހާރަށް ވުރެ ސީރިއަސް ގޮތެއްގައި ވިސްނަންޖެހިފައިވާ ކަމެއް. ޢާއިލާތަކުން ވެސް އަދި މުޅި މުޖްތަމަޢުވެސް، މިކަމާއިމެދު ވިސްނައި ޙައްލެއް ހޯދަންޖެހޭ މައްސަލައެއް. ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރާނީ، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހިފަން ފެށުމަށް. ކިތަންމެ ކުޑަ ނަމަވެސް އާމްދަނީއެއް ލިބުމަކީ، އެއްވެސް އާމްދަނީއެއް ނުލިބި ހުރުމަށް ވުރެ، އެތައް ގޮތަކުން ރަނގަޅު ކަމެއް. ޤައުމީ ފެންވަރުގައި ވިސްނިޔަސް، އެއީ އެތައް ފައިސާއެއް ރާއްޖޭން ބޭރަށް ނުގޮސް ހިފެހެއްޓޭނެ ކަމެއް. އަދި ޢާއިލާތަކުގެ ފުދުންތެރިކަންވެސް އިތުރުވެގެންދާނެ ކަމެއްކަން ޔަޤީން.

– ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. މިމަސައްކަތުގެ ތެރެއިން މިހާރު ޑްރާފްޓްކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު"ގެ އެންމެ މުހިންމު މަޤްޞަދަކީ، އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތާ، އަދި ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން ކަމުގައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *