އެމެރިކާގެ ކުރީގެ ރައީސް ޖޯން އޮފް ކެނެޑީ އަވަހާރަ ކޮށްލި ހާދިސާއާއި ގުޅުންހުރި އާ މަޢުލޫމާތުތަކެއް އަންނަ ޑިސެމްބަރމަހު އިއުލާން ކުރާނެ ކަމުގައި ބައިޑްގެ ސަރުކާރުން ހާމަ ކޮށްފިއެވެ.
މި ހަފްތާގެ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑްން ސޮއި ކުރައްވާފައިވާ މެމަރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ވާގޮތުން، 1963 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ރައީސް ޖޯން އޮފް ކެނެޑީ އަވަހާރަ ކޮށްލި ހާދިސާއާއި ގުޅުންހުރި މައުލޫމާތުތަކަކީ، "އެމެރިކާގެ ދިފާއީ ބާރަށް، ނުވަތަ ޖާސޫސީ އޮޕަރޭޝަންތަކަށް، ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކަށް، ނުވަތަ ޚާރިޖީ ގުޅުމަކަށް ގެއްލުންވެދާނެ ކަމަށްޓަކާ ރައްކާތެރިކުރަން ޖެހޭ މައުލޫމާތަށްވުރެ، އެމައުލޫމާތު އެގުމުގެ އާންމު މަސްލަހަތު މިހާރު މާބޮޑު" މައުލޫމަތު ތަކެއް ކަމުގައެވެ.
ކެނެޑީ އަވަހާރަ ކޮށްލި ފަހުން މިހާރު އެތައް އަހަރެއް ފާއިތުވެގެން ގޮސްފައިވާއިރު، މި ހަމަލާއާއި ގުޅުންހުރި ވަރަށް ގިނަ މައުލޫމާތަކީ މިހާރުވެސް އެމެރިކާގެ ގައުމީ އަރުޝީފުގައާއި، ދައުލަތުގެ ވަރަށް ގިނަ މުވައްސަސާތަކުގައި ރައްކާ ކުރެވިފައި ހުރި މައުލޫމާތަށް ވާއިރު، މި މުވައްސަސާތަކުންވެސް މައުލުމާތަކީ އާންމު ކުރެވިދާނެ މައުލޫމާތެއްކަން ޔަގީން ކުރަން ޖެހެއެވެ.
ބައިޑްން ސޮއިކުރައްވާފައިވާ މެމޯގައި ވާގޮތުން، އެމެރިކާގެ ޑަލަސްގައި ކެނެޑީ އަވަހާރަ ކޮށްލިތާ 59 އަހަރުފަހުން، މިހާދިސާއާއި ގުޅުން ހުރި ބައެއް މައުލޫމާތު އަންނަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހު އާންމު ކުރެވިގެން ދާއިރު، މި ހާދިސާއާއި ގުޅުންހުރި ހުރިހާ މައުލޫމާތުތަކެއް ކަހަލަ ގޮތަކަށް 2022 ވަނަ އަހަރު ނިމުމުގެ ކުރިން އާންމު ކުރެވޭނެއެވެ.
"ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ފަހަށް، މި ހާދިސާއާއި ގުޅޭގޮތުން އާންމު ނުކުރުމަށް އެއްވެސް އިދާރާއަކުން އެދޭ މައުލޫމާތު އާންމު ނުކޮށް ބެހެއްޓޭނީ އޭގެ އެންމެ މަދު މިންވަރަށް،" ބައިޑްން ވިދާޅުވިއެވެ.
އެމެރިކާގެ އަރުޝީފު ވެބްސައިޓުގައި ވާގޮތުން، 1992 ވަނަ އަހަރު ފާސް ކުރެވިފައިވާ، ޖޯން އޮފް ކެނެޑީ އެސެސިނޭޝަން ގާނޫނުގައި ވާގޮތުން، ކެނެޑީ އަވަހާރަ ކޮށްލި ހާދިސާއާއި ގުޅުންހުރި، 5 މިލިއަން ސަފުހާއަށް ވުރެ ގިނަ ލިޔެކިޔުންތަކާއި، ފޮޓޯ ތަކާއި، ހަރަކާތް ކުރާ މަންޒަރުތައް ތަމްސީލު ވާގޮތަށް ނަގާފައި ހުރި ފޮޓޯތަކާއި، އަޑުގެ ރެކޯޑިންގ ތަކާއި، (ޖުމަލް 2،000 ކިއުބިކް މީޓަރުގެ ޖާގައަކަށް ފެތޭހާ ސާމާނު) ވަނީ އެމެރިކާގެ ގައުމީ އަރުޝީފުގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.
އެމެރިކާގެ ކޮންގްރެސްއިން ދެކޭ ގޮތުގައި، މި ގާނުނުގެ ދަށުން މިހާރު މިހުރިހާ މައުލޫމާތުތަކެއްވެސް އާންމު ކުރެވޭނެއެވެ.