ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ "ރިވެލި ތަރި" 2021 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
"ރިވެލި ތަރި" ގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓްކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ.
އެގޮތުން، "ރިވެލި ތަރި" އަށް ކުރިމަތިލުމުގެ ފުރުޞަތު 12 އޮކްޓޫބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. ރިވެލި ތަރި މުބާރާތަށް ކުރިމަތިލާނީ ރިވެލި ތަރިއަށް ހުށަހަޅާ ފޯމުންނެވެ. ރިވެލި ތަރިއަށް ހުށަހަޅާ ފޯމާއި ކޮންސެޕްޓް ނޯޓް ގެޒެޓް ގައި އާންމުކޮށްފައިވާނެއެވެ. "ރިވެލި ތަރި" ބޭއްވުމަށް ހަމަޖެހިފައިވަނީ، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތުން ބައިވެރިވާން ބޭނުންވާ ކެޓަގަރީއަކުން 2 މިނިޓާއި 5 މިނިޓާއި ދެމެދުގެ ވީޑިއޯއެއް ތައްޔާރު ކުރުމަށްފަހު އެކަމަށް ކަނޑައަޅާފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑް ކުރާނެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ވީޑިއޯ އަޕްލޯޑް ކުރަންވީގޮތުގެ މަޢުލޫމާތު މިނިސްޓްރީން ހިއްސާކުރެވިގެންދާނެއެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ފޮނުވުމަށް ހަމަޖެހިފައިވަނީ [email protected] މެއިލަށެވެ.
ރިވެލި ތަރިއަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް (7ވަނަ ފަންގިފިލާ) ކައުންޓަރުންނާއި، މިނިސްޓްރގެ ްވެބްސައިޓް www.gender.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ