މިނިމަމް ވޭޖާއެކު މުސާރަދިނުމަށް، ބަޖެޓުގައި 600 މިލިޔަން ރުފިޔާ

މިނިމަމް ވޭޖާއެކު މުސާރަދިނުމަށް، ބަޖެޓުގައި 600 މިލިޔަން ރުފިޔާ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 07:28
0

މިނިމަމްވޭޖާއެކު މުވައްޒަފުންނަށް މުސާރަ ދިނުމައްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 600 މިލިޔަން ރުފިޔާ ހިމަނާފައިވާކަމަށް ރައީސުލްޖުހޫހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ 2022ވަނަ އަހަރަށް 37 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައެޅުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ރައީސް ވިދާޅުވީ، ޤާނޫނުގައިވާ ގޮތަށް އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާ މިންވަރަށް މުވައްޒަފުންނަށް މުސާރަ ލިބިގެންދާނެކަމަށެވެ.

އެގޮތުން ސަރުކާރު މުވައްޒަފުންގެ ތެރެއިން 15000 މީހުންނަށް މުސާރައިގެ ކުރިއެރުން އަންނަކަމަށާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއާއި އެނޫންވެސް ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މިނިމަމްވޭޖްގެ ދަށުން ލިބެންވާ މުސާރަ ދިނުމަށް 600 މިލިޔަން ރުފިޔާ ހިމަނާނެ. އެއާއެކު މިހާރު މުސާރަ ކުޑަ އެތައް ބައެއްގެ މުސާރައަށް ކުރިއެރުންތަކެއް ލިބިގެންދާނެ. އަދި ބައެއް މީހުންގެ މުސާރަ ދެ ގުނައަށް އިތުރުވެގެންދާނެ.

– ރައީސް ވިދާޅުވިއެވެ.

ވަޒީފާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ ނުވަ ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް

  1. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
  2. ޓޫރިޒަމް ސިނާއަތް
  3. ކޮންސްޓްރަކްޝަން ސިނާއަތް
  4. ދަތުރުފަތުރުގެ ސިނާއަތް
  5. ސިއްހީ ހިދުމަތުގެ ދާއިރާ
  6. ތައުލީމީ ހިދުމަތުގެ ދާއިރާ
  7. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
  8. އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ
  9. މެރިޓައިމް، ޝިޕިން ސިނާއަތް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިސާދީ އަދި އުމްރާނީ ތަރައްޤީއާ ގުޅުންހުރި ދާއިރާތަކަށްވެސް ފައިދާތަކެއް ކުރާނެކަމަށެވެ. އެގޮތުން ސަރުކާރުންވީ ވަޢުދުތަކާއެއްގޮތަށް މިހާރު ފަށާފައިވާ ބިންހިއްކުމުގެ މަޝްރޫޢުތަކާއި އެނޫންވެސް މަޝްރޫޢުތައް ކުރިއަށްއޮތް ދެއަހަރުގެ ތެރޭގައި އެމަޝްރޢޫތައް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރި ތަފާތު މައްސަލަތައް ޙައްލުކުރުމުގެގޮތުން ޖެންޑަރ މިނިސްޓްރީއަށް ކުރިން ދެމުން ގެންދިޔަ ބަޖެޓް އަންނަ އަހަރުގެ ބަޖެޓުގައި ދެގުނައަށް އިތުރުކޮށްފައިވާނެކަމަށާ، އެއާއެކު ރާއްޖޭގެ އިޖްތިމާޢީ ދާއިރާއަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.