ގުރައިދޫ ބިން ހިއްކުމާއި، ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ގުރައިދޫ ބިން ހިއްކުމާއި، ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 09:17
0

ކ.ގުރައިދޫ ބިންހިއްކުމާއި، ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މިމަސައްކަތް ނިމިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެދަށުން 15 ހެކްޓަރުގެ ބިން، އެރަށުގެ ހުޅަނދު ފަރާތުން ވަނީ ހިއްކާފައެވެ. މި މަޝްރޫޢުއަކީ ގުރައިދުއަށް ދިމާވެފަޢިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، އަދި ރަށުން އިތުރު އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްކެކެވެ.

މިމަސައްކަތާއިއެކު އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ. އެގޮތުން 644،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ވަނީ ފުންކޮށްފައެވެ.

ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ގުރައިދުއިން ބޯހިޔާވަހިކަމަށް ގޯތި ދޫނުކުރާތާ 17އަހަރު ވަނީ ވެފައެވެ. ހިއްކި ބިމުން ގޯތި ދިނުމަށް ކަނޑައަޅާފައިވަނި 4.75 ހެކްޓަރުގެ ސަރަޙައްދެވެ. ނަމަވެސް ގޯތި ބޭނުންވާ ގިނަ އާއިލާތަކެއް ރަށުގައި ތިބުމާއިއެކު، ގޯތި ދިނުމަށް ކަނޑައަޅާ ބިން އިތުރުކުރުމަށް ކަމާއިގުޅޭ ފަރާތްތަކާއިއެކު މަޝްވަރާކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރު ނަމަވެސް، ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 23 ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓަކީ 85.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.