ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޗެލްސީ އާއި ބަޔާން މިއުނިކް ކުޅުނު މެޗުތައް ކާމިޔާބުކޮށް ބޮޑު މޮޅެއް ހޯދައިފިއެވެ.
ޗެލްސީގެ ދަނޑުގައި މަލްމޯ އާއި ބައްދަލުކުރި މެޗު އެޓީމުން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ. އަދި ބަޔާން މިއުނިކް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުން ބެންފިކާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޗެލްސީ އާއި މަލްމޯ ބައްދަލުކުރި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ޗެލްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ، އަންދްރެއަސް ކްރިސްޓެންސަންއެވެ. އަދި ދެވަނަ ލަނޑު 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަމިޔާބުކޮށްދިނީ، ޖޯޖީނިއޯއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ މުހިއްމު ދެ ފޯވާޑުން ކަމަށްވާ ޓިމޯ ވާނާ އަދި ރޮމޭލޫ ލުކާކޫ ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން 48 ވަނަ މިނެޓުގައި ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. އަދި ހަތަރު ވަނަ ލަނޑު 57 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ޖޯޖީނިއޯއެވެ.
މި ނަތީޖާއާއެކު ޗެލްސީ ހިމެނޭ ގްރޫޕް އެޗް ގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު 3 މެޗުން ހޯދި 9 ޕޮއިންޓާއެކު ޔުވެންޓަސްއެވެ. އެޓީމު ވަނީ މިރޭ 1-0 އިން ރަޝިއާގެ ޒެނިޓް ޕީޓާސްބާގް ބަލިކޮށްފައެވެ. ޔުވެންޓަސްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭޖާން ކުސުލެވްސްކީއެވެ. މި ގްރޫޕް ގެ ދެވަނައިގައި 6 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ތިންވަނައިގައި ޒެނިތް އޮތީ 3 ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް މަލްމޯއަށް ޕޮއިންޓެއް ނުލިބެއެވެ.
މީގެ އިތުުރުން ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާ ބެންފިކާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-4 ގެ ނަތީޖާއަކުން ބަޔާނުން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި ބަޔާނުން ޖެހި 4 ލަނޑުވެސް އެޓީމުން ޖެހީ ދެވަނަ ހާފުގައެވެ. އެގޮތުން މި ހަތަރު ލަނޑުގެ ތެރެއިން 2 ލަނޑު ލެރޯއީ ސާނޭ ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރޮބާޓް ލެވޮންޑޯސްކީއެވެ. ބަޔާންގެ ދެވަނަ ލަނޑަކީ ބެންފިކާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެެވެ.
މި ނަތީޖާއާއެކު ގްރޫޕް އީގެ އެއް ވަނައިގައި ބަޔާން އޮތީ ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ބެންފީކާ އަށް ވަނީ ތިން މެޗުން 4 ޕޮއިންޓް ލިބިފައެވެ. ބާސެލޯނާ ތިން ވަނައިގައި 3 ޕޮއިންޓާ އެކު އޮތްއިރު، ހަތަރު ވަނައިގައި އޮތް ޑިނަމޯ ކިއޭވަށް ތިން މެޗުން ލިބެނީ 1 ޕޮއިންޓެއެވެ.