ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ އަކީ އެމްޑީޕީއަށް ތާއީދު ކުރާ މީހެއް ކަމަށާއި އޭނާ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވެފައި ނުވާނެކަމަށް ދިފާއީ ވަކީލް ވިދާޅުވެއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި، ދައުވާއަށް އިންކާރު ކުރަމުން ފަހުމީގެ ވަކީލު ވިދާޅުވީ، ފަހުމީއަކީ ސީދާ އެމްޑީޕީއަށް ތާއީދުކުރާ އެ ފިކުރުގެ މީހެއް ކަމަށާއި، އޭނާ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިނުވާ ކަމަށެވެ. ފަހުމީގެ ވަކީލް ވަނީ އޭނާގެ މަންމަ އާއި ބައްޕަގެ ބަޔާނުގަގައިވެސް އޭނާއަކީ ހަރުކަށި ފިކުގެ މީހެއް ނޫންކަމަށް ބުނެފައެވެ.
ދިފާއީ ވަކީލް ވަނީ ފަހުމީގެ އާއިލާގެ ހާލަތު ހުރިގޮތުންވެސް ޝަރީއަތުގައި އިތުރަށް ހިއްސާ ކޮށްފައެވެ. އޭނާ ބުނެފައިވަނީ ފަހުމީގެ އަންހެނުން މިހާރު އިނީ ބަލިވެ ކަމަށާއި، އަންހެނުންގެ ބަނޑަށް ހަތް މަސް ކަމަށެވެ. އޭނާގެ އަންހެނުންނަކީ އެކަނި އުޅޭ މީހެއްކަމަށާއި، އަދި ފަހުމީގެ ބައްޕަ އަކީ ޕެރެލައިޒް ވެފައިވާ މީހެއް ކަމަށާއި އޭނާގެ އަންހެނުންނާއި މައިންބަފައިންނަށް އޭނާގެ އެހީތެރިކަން ވަރަށް ބޭނުންވާ ކަމަށް ވަކީލް ވަނީ ބުނެފައެވެ.
ވަކީލް ވަނީ ފަހުމީގެ އާއިލީ ހާލަތާއި އަންހެނުންގެ ހާލަތު ހުރި ގޮތުން ބަންދުން ދޫކުރުމަށް އެދިފައެވެ. ނަމަވެސް ފަހުމީ އަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް އޮތް މީހެއް ކަމަށް ފެންނާތީ ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.
ފަހުމީ ޢަލީގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ކޮމެންޓު ފޮނުވާ