ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތިން މީހުން ދައުވާއަށް އިންކާރުކޮށްފިއެވެ.
މި މައްސަލައިގައި ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށްގެންދާ އަދުހަމް އަހުމަދު ރަޝީދުގެ ބައިވެސް މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. އެއަށްފަހު މި މައްސަލައިގައި ދައުވާލިބޭ 6 މީހެއްގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ތަހުމީނު އަހުމަދާއި، އަލީ ހައިޝަމްއާއި، މުޖާޒް އަހުމަދާއި، މުހައްމަދު ނާޒިމާއި، އަލީ ފަހުމީގެ އިތުރުން އިސްހާގުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެކެވެ.
އޭގެތެރެއިން ދައުވާއަށް އިންކާރުކޮށްފައި ވަނީ ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއެވެ. މި މައްސަލައިގައި ދައުވާ ލިބޭ މ. ކުދެހިގެ އިސްހާގަށް އުފުލާފައިވާ ދައުވާތައް އިއްވުމުން އޭނާގެ ފަރާތުން ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ދައުވާތައް ސާފުކުރުމަށް ގުޅިގެން މުވައްކިލާއިއެކު މަޝްވަރާކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެެ. އެހެންކަމުން ޝަރީއަތުން ވަނީ އެފުރުސަތު ދެއްވާފައެވެ. އަދި ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދޭން ވެސް ތިން މީހުންގެ ފަރާތުން އެދިފައިވެއެވެ. އެހެންވެ 15 ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދީފައެވެ.
ދައުވާއަށް އިންކާރު ކުރަމުން ފަހުމީގެ ވަކީލު ވިދާޅުވީ، ފަހުމީއަކީ ސީދާ އެމްޑީޕީއަށް ތާއީދުކުރާ އެ ފިކުރުގެ މީހެއް ކަމަށާއި، އޭނާ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިނުވާ ކަމަށެވެ. ނާޒިމާއި އިސްހާގުވެސް ސާފުކޮށް ދައުވާއަށް އިންކާރު ކުރެއެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު ވަނީ މީގެ ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށްފައެވެ.
ވަކީލުން ފާހަގަކުރައްވާފައިވާ ގޮތުގައި މި މައްސަލައިގައި 6072 ގަޑިއިރުގެ ފުޓޭޖް ދިރާސާ ކުރަން ޖެހެއެވެ. އަދި ދައުވާލިބޭ މީހުންގެ ހަރަކާތްތަކާ ގުޅޭ 1829 ކްލިޕް ދިރާސާކުރަން ޖެހެއެވެ. މި އަޑުއެހުމުގައި ޝަރީއަތުން ވަނީ ދިފާއުން އެދިފައިވާ ގޮތަށް ލިއެކިއުންތައް ދިރާސާކޮށް، ކޯޓަށް ހާޒިރުވެގެން ވީޑިއޯ ފުޓޭޖުތައް ބެލުމަށް އިދާރީގޮތުން އިތުރު ފުރުސަތުތަކެއް ދިނުމަށް ނިންމަވާފައެވެ. އެއަށްފަހު މި މައްސަލައިގެ ދިފާއީ ހެކި ހުށައެޅުން އޮންނާނެކަން ޝަރީއަތުން ފާހަގަ ކުރެއްވިއެވެ.
މި މައްސަލަ ބައްލަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ގާޒީ އާދަމް މުހައްމަދެވެ. ދެން ތިއްބެވީ ގާޒީ މުހައްމަދު މިސްބާހްއާއި، ގާޒީ ސޮފްއަތު ހަބީބެވެ.
ކޮމެންޓު ފޮނުވާ