ހިޔާ ފްލެޓްތަކުގަ ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތް ހޯދޭނެ ގޮތް ހަމަޖެއްސުމަށް، އެތަނުގައި ކްލިނިކެއް ހިންގުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. ކްލިނިކްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕައިތަން ޕްރައިވެޓް ލިމިޓެޑާއެވެ.
"ލައިފް ސަޕޯޓް މެޑިކަލް ސެންޓަރ"ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ކްލިނިކްގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 3މަސް ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ނިންމާ ޚިދުމަތް ފަށާ ގޮތަށެވެ. މި ކްލިނިކް ހުންނާނީ ހިޔާގެ 12ވަނަ ފްލެޓްގައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ، ހިޔާ ހައުސިންގ ޔުނިޓްތަކަށް އާއްމު ޚިދުމަތްތައް ފެށުމުގެ ފުރަތަމަ ފިޔަވަހީގައި 3 ކްލިނިކް އެސަރަޙައްދުގައި ތަރައްޤީކުރާނެކަމަށެވެ. ހިޔާގައި ޚިދުމަތް ފަށާ ފުރަތަމަ ކްލިނިކްގެ މަސައްކަތް ނިންމާ، 3މަސްދުވަހުގެ ތެރޭގަ ޚިދުމަތް ފަށާނެ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
An agreement was signed between HDC and Python Pvt Ltd on the 19th October 2021, for the development of a Life Support Medical Center at Hiya Commercial Unit H12-G-04.
It is estimated to be ready for service within the succeeding 3 months. pic.twitter.com/F86j36s9S9— HDC (@hdcmaldives) October 20, 2021
ހިޔާ ހައުސިންގ ޔުނިޓްތަކަށް މީހުން ބަދަލުވާން މިހާރުވަނީ ފަށާފައެވެ. އެޗްޑީސީން ވިދާޅުވީ މީހުން ބަދަލުވެ ކުލި ނަގަން ފެށުމުގެކުރިން، އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރާނެކަމަށެވެ. ޚާއްސަކޮށް ހިޔާ ކޮމާޝަލްގެ ގޮތުގައި ދޫކުރާ ޔުނިޓްތަކުގެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އާއްމު ޚިދުމަތްތަކުގެ ތެރެއިން ހިޔާ ފްލެޓްގެ ފުރަތަމަ ފިހާރަ ހުޅުވާ، ޚިދުމަތްފެށީ މިމަހުގެ 10ވަނަ ދުވަހުއެވެ. މި ފިހާރަވެސް ހިންގަނީ 12ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައެވެ.
ސިއްޙީ ޚިދުމަތާއި، ކެފޭ ރެސްޓޯރަންޓާއި، ފިހާރަތަކާއި ސުޕަމާކެޓްތަކާއި އަދި މި ނޫންވެސް އާއްމު ޚިދުމަތްތައް ދިނުމަށް ބޭނުންވާ ޖާގަ ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފްލޯތަކުގައިވަނީ ކަނޑައަޅާފައެވެ. މި ތަންތަން ދޫކުރަނީ އިމާރާތުގެ މަސައްކަތް ނިންމުމަށްފަހުއެވެ. ދެން ކުރަންޖެހޭނީ އެ ވިޔަފާރިއަކާ ގުޅޭ އެތެރޭގެ މަސައްކަތްތަކެވެ.