މެޑްރިޑަށް ފަސޭހަ މޮޅެއް

މެޑްރިޑަށް ފަސޭހަ މޮޅެއް

ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޝަޚްތާރު ޑޮނިއެސްކް އަތުން ފަސޭހަ މޮޅެއް މެޑްރިޑުން ހޯދައިފިއެވެ.

މިމެޗު މެޑްރިޑުން ކާމިޔާބު ކުރީ 5-0 ގެ ނަތީޖާއަކުންނެވެ. ޝަޚްތާރުގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލުން ލީޑު ނަގާފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ ރެއާލަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން ވިނީޝިއުސް ވަނީ ރެއާލުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ރޮޑްރީގޯ ރެއާލުގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަރީމް ބެންޒެމާއެވެ.

މި މެޗުން ފަސޭހަކަމާއެކު ރެއާލް މޮޅުވިއިރު، މި ގްރޫޕްގެ އަނެއް މެޗުގައި އަންގާރަ ދުވަހުގެރޭ އިންޓަ މިލާނުން ވަނީ އަމިއްލަ ދަނޑުގައި ކުޅެ 3-1 ނަތީޖާއަކުން ޝެރިފް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް ޝެރިފާއި ދެވަނައަށް ޖެހިލި ރެއާލަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އިންޓައަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *